ނިއުދިއްލީ (ޖަނަވަރީ 3) : ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާއިން އުފެއްދި ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ "ސަބްޖެކްޓް އެކްސްޕާޓް ކޮމިޓީ (އެސްއީސީ) އިން ދީފި އެވެ.

އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން "އެސްއީސީ" އިން ދީފައިވަނީ މި ވެކްސިން އިމާޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ އެވެ. "އެސްއީސީ" އަކީ އިންޑިއާގެ ވެކްސިން އާއި ބޭސްފަދަ ތަކެއްޗަށް ހުއްދަދޭ މައި އިދާރާކަމަށްވާ "ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޮގަނައިޒޭޝަން" (އެސްސީއޯ) ގައި ހިމެނޭ ތަޖްރިބާކާރުންގެ ކޮމިޓީ އެވެ.

އިންޑިއާގައި ކޮންޓްރޯލެއްނެތި ކޮވިޑް-19 ފެތުރި އެރޯގާގައި ގިނަ ބަޔަކު މަރުވަމުންދާތީ ކޮވިޑްގެ މިހާލަތަކީ އިމާޖެންސީ ހާލަތެއްކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑައަޅާފަ އެވެ. މި ވެކްސިން އުފެއްދީ އިންޑިއާގެ ކުންފުންނެއްކަމަށްވާ "ބާރަތު ބައޮޓެކް" އިންނެވެ. "ބާރަތު ބައޮޓެކް" ކުންފުންޏާއެކު މިވެކްސިން އުފެއްދުމުގައި އިންޑިއާގެ ސިއްހަތާބެހޭ ރިސާޗް އިދާރާއެއްކަމަށްވާ "އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް" ވެސް ބައިވެރި ވެއެވެ. "ބާރަތު ބައޮޓެކް" އިން އުފެއްދި ވެކްސިންއަކީ ކްލިނިކަލް ތަޖްރިބާގެ ތިން ވަނަ މަރުހަލާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ ވެކްސިން އެވެ. މިވެކްސިން ގެ ކާމިޔާބީއަކީ 85 ޕަސެންޓް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާގެ "ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޮގަނައިޒޭޝަން" (އެސްސީއޯ) ގެ ތަޖުރިބާކާރުންގެ ކޮމިޓީ "އެސްއީސީ" އިން މިދިޔަ ހުކުރުދުވަހު ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނީކާ ކުންފުނިން ގުޅިގެން ތަރައްގީ ކޮށްފައިވާ ވެކްސިންވެސް އިންޑިއާގައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. މިއީވެސް އިމާޖެންސީ ހާލަތްތަކުގައި ބޭނުކުރުމުގެ ހުއްދައެކެވެ.

އެމެރިކާ ފިޔަވައި ދުނިޔޭގައި ކޮވިޑް-19 ދެވަނައަށް އެންމެ ބޮޑަށް ފެތުރި އަދި އެ ރޯގާ ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑަށް ނުކުޅެދިފައިވާ ގައުމަކީ އިންޑިއާ އެވެ. އިންޑިއާއިން ގެންދަނީ ކޮވިޑް-19ގެ ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދިނުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. (އިންޑިއާގެ މީޑިއާ)