03 Jan 2021, 08:33
އަދާލަތު ޕާޓީގެ އަސާސީ ގަވައިދު، ނުވަތަ ދުސްތޫރު ވަރަށް ފަހަކާ ޖެހެންދެންވެސް އޮތް ގޮތުން އެ ޕާޓީގެ ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމެނެ އެވެ. ނައިބު ރައީސް ކަމަށް އަންހެނެކަށް ވާދަ ކުރެވޭ ގޮތް ހެދީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އަދިވެސް ރައީސް ކަމަށް އަންހެނަކަށް ވާދަ ނުކުރެވެ އެވެ. އެބައި އަދިވެސް އޮތީ އެންމެ ކުރިންވެސް އޮތް ގޮތަށެވެ.
މިއީ ރާއްޖެ އެއްބަސްވެފައިވާ ޖިންސުގެ ހަމަހަމަކުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނާ އަޑު ވަނީ ގަދަވެފަ އެވެ. އަދި މިއީ ގާނޫނާ ހިލާފު ކަމެއްތޯވެސް ވަނީ ސުވާލު އުފެދިފަ އެވެ. ޕާޓީގެ ތެރޭގައި މިކަން ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭ ބަޔަކު އުޅޭ އިރު، ޕާޓީގެ ތެރެއިން ބަދަލުގެ އޮއިވަރެއް އުފެދެން ވަނީ ފަށައިފަ އެވެ.
އަންހެނަކަށް ވާދަ ނުކުރެވޭ ގޮތް ހެދީ ކީއްވެ؟
އޮގަސްޓު 18، 2005ގައި ރަޖިސްޓްރީ ކުރި އަދާލަތު ޕާޓީއަކީ އިސްލާމީ ހަމަތައް ނެގެހެއްޓުމަށް އުފެއްދި ޕާޓީއެކެވެ. އެ ޕާޓީއިން އެންމެ އިސްކަންދޭ ކަަމަކީ އެއީ އެވެ. ޕާޓީގެ ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް އަންހެނަކަށް ވާދަ ނުކުރެވޭ ގޮތް ހެދީވެސް އިސްލާމީ ޝަރީއަތުގައިވާ ކަމަކާ ހެދި އެވެ. އެއީ އަންހެނުންނަށް ގައުމުގެ ވެރިކަން ނުކުރެވޭ ކަމަށް ގިނަ އިލްމުވެރިން ބުރަވާތީ އެވެ.
އަދާލަތުގެ ދުސްތޫރު ލިޔުއްވުމުގައި އިސްކޮށް އުޅުއްވި އެ ޕާޓީގެ ފުރަތަމަ ރައީސް ޝައިހު ހުސެއިން ރަޝީދު އަހުމަދު ކިޔައިދެއްވި ގޮތުގައި، ގައުމުގެ ވެރިކަން އަންހެނަކަށް ނުކުރެވޭނެ ކަމަށް އޭރު އަދާލަތު ޕާޓީގެ މެމްބަރުން އެއްބަސްވި އެވެ.
ޕާޓީގެ ރައީސަކަށް ހޮވޭ މީހާއަކީ މަގުބޫލު މީހަކަށްވެފައި އޭނާ އަކީ ޕާޓީގެ ފަރާތުން ރިޔާސީ ޓިކެޓު ލިބޭ މީހާއަށް ވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ، އަންހެނަކަށް ޕާޓީގެ ރައީސްކަން އަދި ނައިބު ރައީސްކަން ނުކުރެވޭނެ ގޮތަށް އަދާލަތު ޕާޓީގެ ދުސްތޫރު ލިޔުނީ ގައުމުގެ ރައީސަކަށް އަންހެނަކު އިންތިހާބު ނުވާނެ ގޮތަށް ކަމަށް ޝައިހު ހުސެއިން ރަޝީދު ވިދާޅުވި އެވެ.

އަދާލަތުގެ ދުސްތޫރު ލިޔުއްވުމުގައި އިސްކޮށް އުޅުއްވި އެ ޕާޓީގެ ފުރަތަމަ ރައީސް ޝައިހު ހުސެއިން ރަޝީދު އަހުމަދު -- ސަން ފޮޓޯ
"މިސާލަކަށް ޕާޓީގެ ރައީސަކަށް ހުންނަ މީހާ ނުވަތަ ނައިބު ރައީސަކަށް ހުންނަ މީހާ ހަމަ އިންތިހާބަކުން ހޮވިދާނެތާ މިސާލަކަށް ގައުމުގެ ރައީސް ކަމަށްވެސް. އެހެންވީމަ ޕާޓީގެ ރައީސަކަށް ހުންނަ މީހާ ގައުމުގެ ރައީސަކަށް ކުރިމަތިލާނީވެސް އަންނާނީވެސް. އެހެންވީމަ އެ އުސޫލުން ބަލަންޏާ ޕާޓީގެ ރައީސަކަށްވެސް އަންހެނަކަށް ނާދެވޭނެ. އެއީ އަޅުގަނޑުމެން އެންމެން އެއްބަސްވާ ގޮތަކަށް ހަދަންވެގެން އެގޮތަށް ލިޔެފައި އޮތީ،" ދުސްތޫރު އެކުލަވާލި އިރު ވިސްނުން ހުރި ގޮތް އޭނާ ކިޔައިދެއްވި އެވެ.
ޝައިހު ހުސެއިން ރަޝީދުވެސް ކުރިން އެ ގޮތަށް ގަބޫލުކުރެއްވިޔަސް، ފަހުން ދިރާސާކުރެއްވުމަށްފަހު ވިސްނުންފުޅު ބަދަލުކުރެއްވި އެވެ. މިހާރު އޭނާ ގަބޫލުފުޅު ކުރައްވަނީ އަންހެނަކަށް ވެރިކަން ކުރެވޭނެ ކަމަށެވެ. އަދި ގާޒީކަންވެސް ކުރެވޭނެ ކަމަށެވެ.
ބަދަލު ގެންނަން މަސައްކަތްތަކެއް
މިދިޔަ ހަފްތާގެ ތެރޭގައި އަދާލަތު ޕާޓީއިން ވަނީ އެ ޕާޓީގެ ނައިބު ރައީސް ކަމަށް އަންހެނުންނަށް ވާދަ ކުރެވޭ ގޮތަށް ދުސްތޫރަށް ގެނައި އިސްލާހެއް ފާސްކޮށްފަ އެވެ. އޭގެ އިތުރުން އެހެނިހެން އިސްލާހުތަކެއްވެސް ދުސްތޫރަށް ގެނަ އެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާ އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، ޕާޓީއިން ފާސްކުރި އެ ފާސްކުރުންތައް މިފަހަރުގެ އެތެރޭގެ އިންތިހާބުގައި ތަންފީޒުކުރެވިގެންދާނެ ކަމަށެވެ. މި ހަފްތާގެ ތެރޭގައި ޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް އެ ބަދަލުތައް ފޮނުވާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުުގައި ނައިބު ރައީސް ކަމަށް އަންހެނަކަށް ވާދަ ކުރެވޭ ގޮތަށް އިސްލާހު ހުށަހެޅި އިރު މީހުންގެ ހިޔާލުގައި ހުރީ ރައީސް ކަމަށްވެސް އަންހެނަކަށް ވާދަ ކުރެވޭ ގޮތަށް އިސްލާހު ހުށަހެޅުމެވެ. ނަމަވެސް، އެކަމަށް ޕާޓީގެ ތެރެއިން ތާއީދު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށް ނަޒީރު ވިދާޅުވި އެވެ. ނައިބު ރައީސް ކަމަށް އަންހެނަކަށް ވާދަ ކުރެވޭ ގޮތް ހެދުމަށް ފުރަތަމަ އިސްލާހު ހުށަހެޅީ އެކަން ފާސް ވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.
ނަމަަވެސް، އަދާލަތު ޕާޓީގެ ތެރޭގައި އަދިވެސް ގިނައީ ރައީސްކަން އަންހެނުންނަށް ނުކުރެވޭނެ ކަމަށް ދެކޭ މީހުން ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވި އެވެ. ޕާޓީ އުފެއްދި އިރުވެސް ޕާޓީގެ ތެރޭގައި އޮތް ވިސްނުން އަދިވެސް އޮތީ ކަމަށްވުން ގާތެވެ.
ނޮވެމްބަރ 15، 2018: އަދާލަތު ޕާޓީގެ އާންމު މެމްބަރުނާއި ބައްދަލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ފަހުން ގެނައި އިސްލާހުތަކަކީ ދުސްތޫރާ ހިލާފަށް އަދާލަތު ޕާޓީ ހިސޯރު ކުރަން އުޅޭ ބަޔަކު ގެނައި އިސްލާހުތަކެއް ކަމަށް ބުނެ އެ މައްސަލަ ވަނީ ބަޔަކު އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. ތުހުމަތުގެ އިނގިލިތައް އަމާޒުވަނީ މިހާރު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރުކަން ކުރައްވާ އިމްރާން އަބްދުﷲ އަށެވެ. އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކަށަވަރުކޮށްދެއްވަ އެވެ.
ޝަރީފު ވިދާޅުވީ އަދާލަތު ޕާޓީގެ ދުސްތޫރުގައި އަންހެނުންނަށް ވާދަ ނުކުރެވޭ ގޮތަށް އޮތް ނަމަ އެއީ ބެސްޓް ޕްރެކްޓިސްއާ ހިލާފު ކަމެއް ކަމަށެވެ. އެފަދަ ކަމެއް ވާނަ ނަމަ އެކަން މުރާޖައާ ކުރަން އެ ޕާޓީއާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބެސްޓް ޕްރެކްޓިސްއަކީ ހުރިހާ ޕާޓީއަކުންވެސް އަަންހެން ބޭފުޅުންނަށްވެސް ފުރުސަތު ދިނުން. އަޅުގަނޑުމެން އެޑްވޮކޭޓު ކުރާ ގޮތަކީވެސް އެއީ،" ޝަރީފް ވިދާޅުވި އެވެ.
އަންހެނުންނަށް ވާދަ ނުކުރެވޭ ގޮތަށް އޮތް އަދާލަތުގެ ދުސްތޫރު 2010 ވަނަ އަހަރު ވަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފަ އެވެ. އޭރު އެ ކޮމިޝަނުން އެއާ މެދު މައްސަލައެއް ނުޖައްސަ އެވެ. ޗެލެންޖެއް ވެސް ނުކުރެ އެވެ.
"ގާނޫނުއަސާސީއާ ހިލާފު ކަމަށް ގަބޫލެއް ނުކުރަން"
އަދާލަތު ޕާޓީގެ ދުސްތޫރު، ޒަމާން ގަބޫލު ކުރާ ޖިންސީ ހަމަހަމަކަމުގެ އުސޫލުތަކާ ހިލާފު އިރު ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި ގޮތުގައި އެ ޕާޓީގެ ރައީސަކަށް އަންހެނަކަށް ކުރިމަތިނުލެވޭ ގޮތަށް އޮތުމުން، އެއީ ގާނޫނުއަސާސީއިން ލިބިދޭ ބައެއް އަސާސީ ހައްގުތަކާ ހިލާފު ކަމެއް ކަމަށެވެ.
އެގޮތުން، އެ ދުސްތޫރު އޮތީ އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިހުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގާއި، ކޮންމެ ރައްޔިތަކަށް އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ހަނިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިކަމަށް އަދާލާތު ޕާޓީއިން ދެކޮޅު ހަދަ އެވެ. އެ ޕާޓީގެ ފަރާތުން އަލީ ނަޒީރު ވިދާޅުވީ، އެ ޕާޓީގެ ދުސްތޫރު ގާނޫނުއަސާއާ ހިލާފު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އަދާލަތު ޕާޓީއިން ގަބޫލެއް ނުކުރޭ،" ނަޒީރު ވިދާޅުވި އެވެ.
އަންހެނަކަށް ޕާޓީގެ ރައީސްކަން ނުކުރެވެންވީ ސަބަބެއް ނެތް: ޝިދާތާ
އަދާލަތު ޕާޓީގެ ފަރާތުން މީގެ ކުރިން އަންހެން ބޭފުޅުން ދައުލަތުގެ އިސް މަގާމުތައް އަދާ ކުރައްވާފައި އެބަ ހުއްޓެވެ. އެގޮތުން އަނާރާ ނައީމް މަޖިލީހުގެ މެންބަރުކަން ކުރެއްވި އެވެ. އަދި ޝިދާތާ ޝަރީފު ވަނީ ކެބިނެޓުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ޕާޓީގެ ނައިބު ރައީސް ކަމަށް އަންހެނުންނަށް ވާދަ ކުރެވޭ ގޮތް ހެދުމަށް ފާސް ކުރި އިސްލާހަށް ޝިދާތާ ތާއީދު ކުރައްވަ އެވެ. ނައިބު ރައީސް ކަމަށް އަންހެނަކަށް ވާދަ ކުރެވޭ ގޮތް ހެދުމަކީވެސް ޕްރޮގްރެސިވް ނުވަތަ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ޝިދާތާ ވިދާޅުވި އެވެ. އެކަމުން ދޭ މެސެޖަކީ ކޮންމެ ޕާޓީއެއްވެސް ތަރައްގީވެ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ކުރިއަށްދެވޭނެކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރ 15، 2018: އަދާލަތު ޕާޓީގެ އާންމު މެމްބަރުނާއި ބައްދަލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ވާދަ ކުރެވޭ ގޮތް ހެދުމަށްވެސް ޝިދާތާ ތާއީދު ކުރައްވަ އެވެ. އޭނާ ވިދާޅުވީ، ހުރިހާ ޕާޓީއެއްގައިވެސް ރައީސް ކަމަށްވެސް ނައިބު ރައީސް ކަމަށްވެސް އަންހެނުންނަށް ވާދަ ކުރުމުގެ ފުރުސަތު ފަހިވެފައި އޮންނަން ޖެހޭނެ ކަމަށެވެ.
"ޖުމްލަ ގޮތެއްގައި އަޅުގަނޑު ގަބޫލު ކުރަނީ ދިވެހިރާއްޖޭގެ ހުރިހާ ޕާޓީއެއްގެ ހުރިހާ މަގާމުތަކަށް އަންހެނުންނަށް ދެވޭނެ ގޮތަށް މަގުފަހިވެފައި އޮންނަން ޖެހޭނެ ކަމަށް،" ޝިދާތާ ވިދާޅުވި އެވެ.
މިވަތު ޕާޓީގެ ވަކި ސިޔާސީ މަގާމަކަށް ވާދަ ކުރުމުގެ ވިސްނުން ނުގެންގުޅުނަސް، ސިޔާސީ ގޮތުން ކުރިއަށްދިޔުމުގެ ވިސްނުން އޭނާގެ އެބަ އޮތެވެ. އެހެން ކަމަށް ވާނަމަ، އަދާލަތު ޕާޓީގެ އެންމެ އިސް މަގާމުތަކަށް އައުމަށް އަންހެނުނަށް ގަވާއިދުން ހުރަސްތަކެއް އޮތުމަކީ ހަމަޖެހޭ ކަމެއް ހެއްޔެވެ؟