ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްއާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބު މިިމަހު 23އަށް ތާވަލްކޮށްފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު އިއުލާންގައި ބުނެފައިވަނީ، އެ ދެ މަގާމަށް ކުރިމަތިލުމަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން އެޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ދެމަގާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހު ނުވަ ވަނަ ދުހުގެ މެންދުރުފަހު 2:00ގެ ކުރިން ޕާޓީގެ މައި އޮފީހަށް ފޯމު ހުށަހެޅުމަށް އެއުލާންގައި ވަނީ އެދިފައެވެ.

މިއީ އަދާލަތު ޕާޓީގެ ރައީސް އާއި ނައިބު ރައީސަކު އިންތިހާބު ކުރާނެ ތިން ވަނަ ދައުރެވެ. މިހާރު ހިނގަމުންދާ ދެވަނަ ދައުރުގައި އެޕާޓީގެ ރައީސް އަކީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެވެ. ނައިބު ރައީސް އަކީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

އިންތިހާބާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން އެދޭނަމަ، އަދާލަތު ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުމަށް ނުވަތަ[email protected]އަށް އީމެއިލް ކުރުމަށް އިއުލާންގައި ވަނީ އެދިފައެވެ.

އަދާލަތު ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ އޯގަސްޓް 18، 2005ގައި އެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ، 6،640 އެވެ.