03 Jan 2021, 08:08
ބޮލީވުޑްގައި ރަނިކަން ކުރަމުން އަންނަ ބަތަލާ ދީޕިކާ ޕަދުކޯން އާ އަހަރާއެކު އޭނާގެ ސޯޝަލް މީޑިއާތަކުގައި ކުރިން ޕޯސްޓްކޮށްފައި ހުރި ހުރިހާ ޕޯސްޓްތަކެއް ފޮހެލައިފި އެވެ.
އިންސްޓަގްރާމްގައި ދީޕިކާއަށް ފޮލޯކުރާ 52.6 މިލިއަން މީހުން ތިބޭއިރު ޓްވިޓާގައި އޭނާއަށް ފޮލޯކުރާ 27.7 މިލިއަން މީހުން އުޅެ އެވެ. އިންސްޓަގްރާމްގެ އިތުރުން ޓްވިޓާގައި އޭނާ މީގެ ކުރިން ޕޯސްޓްކޮށްފައިވާ ހުރި ހުރިހާ ޕޯސްޓްތަކެއް ފޮހެލާފައިވާ އިރު އެ ތަކެތި ފޮހެލި ސަބަބެއް ދީޕިކާ ހާމައެއް ނުކުރެ އެވެ.
އޭނާގެ ދެ އެކައުންޓުގައި ވެސް މިހާރު ވަނީ އެންމެ ޕޯސްޓެކެވެ. އެއީ އާ އަހަރުގެ ތަހުނިޔާ އޭނާގެ ފޭނުންނަށް ކިޔާފައިވާ ޕޯސްޓެއް އެކަންޏެވެ. ގިނަ މީހުން ހީކުރީ ދީޕިކާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަޔަކު ހެކް ކުރީ ކަމަށެވެ. ނަމަވެސް އޭނާ ވަނީ މިއަދު ވެސް އިންސްޓަގްރާމް ސްޓޯރީއަށް ސްޓޯރީ ޕޯސްޓްކޮށްފަ އެވެ.
ހަބަރުތައް ބުނާގޮތުގައި އާ އަހަރާއެކު ދީޕިކާގެ ސޯޝަލް މީޑިއާތައް އާކޮށްލަން ބޭނުންވީ އެވެ. ބަތަލާ ދީޕިކާ މިހާރު އަންނަނީ ޝާހްރުކް ޚާން އާއެކު ފިލްމު "ޕަތާން"ގައި މަސައްކަތްކުރަމުންނެވެ. އެ ފިލްމަކީ މި އަހަރު ސްކްރީނަށް އަންނާނެ ފިލްމެކެވެ.