ވިއެނާ (ޖަނަވަރީ 2) : ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 20 އިންސައްތައަށް މަތިކުރާނެކަމަށާ މަތިކުރުމުގެ މަސައްކަތް ފަށާފައިވާކަން އީރާނުން އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް އަންގައިފި އެވެ.

އައިއޭއީއޭ އިން ނެރުނު ބަޔާނެއްގައި އީރާނުން މިކަން އެންގިކަންވަނީ ކަށަވަރުކޮށް ދީފަ އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި 2015 ވަނައަހަރު އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން (އެމެރިކާވެސް ހިމެނޭގޮތަށް) ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގެ ކުރިން އީރާން ޔުރޭނިޔަމް ފައްކާކުރަމުން ގެންދިޔައީ 20 އިންސައްތައިގަ އެވެ. ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އީރާނުންވަނީ ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 5 އިންސައްތައަށް ދަށްކޮށްފައެވެ. 5 އިންސައްތައަކީ ނިއުކްލިޔާ ހަކަތައިން އިލެކްޓްރިކް ކަރަންޓް އުފައްދާ ރިއެކްޓަރުތަކަށް ޔޫރޭނިޔަމް ބޭނުންވާ ފެންވަރެވެ.

އީރާނުގައި ނިއުކްލިޔާ ހަކަތަ އިން ކަރަންޓް އުފައްދާ އެތަށް ރިއެކްޓަރެއް ހުރެ އެވެ. ނިއުކްލިޔާ ހަކަތަ އިން ކަރަންޓް އުފެއްދުމާއި އެނޫންވެސް މަދަނީ ބޭނުންތަކުގައި ނިއުކްލިޔާ ހަކަތަ ބޭނުންކުރުމަކީ ބައިނަލްއަގްވާމީގޮތުން ކޮންމެ ގައުމަކަށްވެސް ހުއްދަ ކަމެކެވެ. އެހެންކަމުން އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި 2015 ވަނައަހަރު އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގައިވެސް މިހައްގު އީރާނަށް ލިބިދީފައި ވެއެވެ.

ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާއިން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކޮށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2016 ވަނައަހަރު އެމެރިކާ ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިވާނެކަމަށް ބުނެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. މިފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށްކުރަމުންދަނީ އީރާނުގެ ބޭންކާއި މާލީ ސެކްޓަރަށެވެ.

އަދި އެމެރިކާވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން 2018 ވަނައަހަރު އެކަހެރިގޮތެއްގައި ވަކިވެފަ އެވެ. އެއަށްފަހު އެމެރިކާވަނީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ އިތުރުން ބަލިސްޓިކް މިސައިލް ޕްރޮގްރާމްވެސް ހުއްޓާލާގޮތަށް އައު އެއްބަސްވުމެއްގައި އެމެރިކާއި އެނޫން ބޮޑެތި ބާރުތަކާއެކު ސޮއިކުރުމުގެ ވާހަކަތައް ފެށުމަށް އީރާނުގެ ކިބައިން އެދިފަ އެވެ. ނަމަވެސް ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލާގޮތަށް އައު އެއްބަސްވުމެއްގައި ސޮއިކުރަން އީރާންވަނީ ކަނޑައެޅިގެން ދެކޮޅު ހަދާފަ އެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރަށްބޮޑަށް ވަރުގަދަކޮށް އީރާން އިގްތިސާދީގޮތުން އިނދަޖައްސާލުމަށް އަމާޒު ހިފާފައެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އަންނައިރުވެސް އެމެރިކާއަށް މިމަގްސަދު ހާސިިލް ވެފައެއް ނުވެ އެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުންވަނީ ނިއުކްލިޔާ އެއްބަސްވުމުގެ ގިނަ ބައިތަކާ ގަސްދުގައި ހިލާފުވެ ނިއުކްލިޔާ ޕްރޮގްރާމުގައި ކުރިން ހުއްޓާލި ގިނަ މަސައްކަތްތަކެއް އަލުން ފަށާފަ އެވެ. މީގެތެރޭގައި ޔޫރޭނިޔަމް ފައްކާކުރާ ސެންޓްރިފިއުޖް މެޝިންގެ އައު ޓެކްނޮލޮޖީގެ ޖީލްތައް އަލުން އުފައްދަން ފެށުމާއި ކުރިން މަސައްކަތް ހުއްޓާލާފައިވާ ނިއުކްލިޔާ ރިއެކްޓާރުތަކުގެ މަސައްކަތް އަލުން ފެށުމުގެ އިތުރުން ނިއުކްލިޔާ އައު ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމާއި ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 15 އިންސައްތައަށް މައްޗަށް ޖެއްސުންފަދަ ކަންކަން ހިމެނެ އެވެ.

މިއާއެކު އެމެރިކާއާއި ޔޫރަޕްގެ ގައުމުތައްވަނީ ރުޅިއައިސް މިކަންކަން ހުއްޓާލުމަށް ތަކުރާރުކޮށް އީރާނަށް ގޮވާލާފައެވެ. ނަމަވެސް އީރާންވަނީ މިގޮވާލުންތަކަށް ބީރު ކަންފަތެއް ދީފައެވެ. އީރާނުން ބުނަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވުމުން ނޫނީ މިމަސައްކަތްތައް ހުއްޓާނުލާނެކަމުގައެވެ.

އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެބަޔާން ބުނާގޮތުން ޔޫރޭނިޔަމް ފައްކާކުރާ މިންވަރު އީރާނުން 20 އިންސައްތައަށް މައްޗަށް ޖައްސަނީ އެގައުމުގެ ނިއުކްލިޔާ މަރުކަޒެއްކަމަށްވާ ފޯޑޯ ނިއުކްލިޔާ ރިއެކްޓަރުގައެވެ. އީރާނަކީ ބޭނުންނަމަ 80 އިންސައްތައަށްވެސް ޔޫރޭނިޔަމް ފައްކާ ކުރުމުގެ ގާބިލްކަން ލިބިގެންވާ ގައުމެއްކަމަށްވެސް އައިއޭއީއޭ ބުނެއެވެ. 80 އިންސައްތައަށް ޔޫރޭނިޔަމް ފައްކާ ކުރުމަކީ ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންވާ މިންވަރަށް ޔޫރޭނިޔަމް ފައްކާ ކުރުމެވެ. ނިއުކްލިޔާ ބޮން އުފައްދަން ބޭނުންވާ ޕްލޮޓޯނިޔަމް އުފައްދަނީ 80 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް އިންނެވެ.

ނަމަވެސް 20 އިންސައްތައަށް ވުރެ މައްޗަށް ޔޫރޭނިޔަމް ފައްކާ ކުރުމުގެ މަސައްކަތް ނުގެންދާނެކަމަށާ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އީރާން ތަކުރާރުކޮށް ބުނެއެވެ.

ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 20 އިންސައްތައަށް މަތިކުރާނެކަމާއި އެކަން ކުރަނީ ދާދިފަހުން އަވަހާރަކޮށްލި އީރާނުގެ އިސް ނިއުކްލިޔާ ސައެންޓިސްޓް ޑރ. މުހްސިން ފަޚްރީ ޒާދާގެ މަރަށް ބަދަލުހިފުމުގެ ގޮތުން ކަމަށްވެސް އީރާނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ޑރ. މުހްސިން ފަޚްރީ ޒާދާ އަވަހާރަކޮށްލީ އިސްރާއީލުން ކަމަށާ އެކަމަށް ވާގިވެރިވީ އެމެރިކާ ކަމަށް އީރާނުން ބުނެއެވެ. އިސްރާއީލާއި އެމެރިކާއިން މިކަން ދޮގުކޮށްފައެއް ނުވެއެވެ. އީރާނުންވަނީ ޑރ. މުހްސިން ފަޚްރީ ޒާދާ ގެ މަރަށް ބަދަލުހިފަން ސިޔާސީ ގޮތުން އެންމެ އެކަށީގެންވާ ވަގުތުގައި އެކަން ކުރާނެކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އީރާނުގެ ނިއުކްލިޔާ މައްސަލަ މާބޮޑުކޮށްލައިގެން އުޅޭއިރު އެގައުމުތަށްވަނީ އިސްރާއީލުގެ ނިއުކްލިޔާ މައްސަލަ ދެނަހުރިކަމަށް ނުހަދައި އޮއްބާލާފައެވެ. އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރު ސިއްރިޔާތުގައި އުފައްދާފައިވާ ގައުމެކެވެ. ނަމަވެސް އިސްރާއީލުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމުގެ ބަދަލުގައި އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތައް ގެންދަނީ ސިއްރިޔާތުގައި އެ ޕްރޮގްރާމަށް އެހީތެރި ވަމުންނެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް އެމީހުންގެ އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަންނަމުން ގެންދާ އަނިޔާވެރި އިސްތިއްމާރީ ބާރެކެވެ. ނިއުކްލިޔާ ބާރުވެސް އިސްރާއީލު ހޯދައިގެން އުޅެނީ ފަލަސްތީނުގެ ބިމުގައި ދާއިމީ ގޮތަކަށް ދެމިއޮތުމަށާއި އަވަށްޓެރި އަރަބި އިސްލާމީ ގައުމުތަކަށް ބޭނުންއިރަކު ބިރު ދައްކައިގެން ކަންކަން ކުރުމުގެ ބާރު ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕުން އުޅެނީ މިކަންކަމަށް ލޯ މަރާލައި އީރާނުގެ ކަންކަން މާބޮޑު ކަމަކަށް ހަދައިގެންނެވެ.

ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އެމެރިކާއަށާއި ޔޫރަޕްގެ ބާރުތަކަށާއި އެނޫން ގައުމުތަކަށްވެސް ބައިނަލްއަގްވާމީ ގާނޫނުގައި މަަނާކަމެކެވެ. ނަމަވެސް އެގައުމުތަކުން އެކަމަށް އިހްތިރާމެއް ނުކުރެއެވެ.