ހދ. ވައިކަރަދޫ ކައުންސިލްގެ އެމްޑީޕީ މެންބަރު އެރަށު ހޭޅީ، އަލީ އާމިރު ދެ ކުޑަކުދިންނާއި އެކު ޖިންސީ އަމަލު ހިންގިކަމަށް މީހަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

ދެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގިކަމަށް އާމިރުގެ މައްޗަށް މީހަކު ހެކިބަސް ދިނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ދެ ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގަ އެވެ.

ޖިންސީ އަމަލު ހިންގިކަމަށް އާމިރުގެ މައްޗަށް މިއަދު ހެކިބަސްދިން އިރު އާމިރު ވަނީ އެފަދަ ކަމެއް ނުކުރާކަމަށް ބުނެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލަކުން އަމަލުކުރުމާއި ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގައިފި ކަމަށް ވާނަމަ އެކުރަނީ ކުށެއް ކަމަށެވެ. ހަމަ އެމާއްދާގެ (ށ) ގައި ބުނަނީ އެފަދަ ކަމެއް ކޮށްފި މީހާގެ އަދަބަކީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ލުންކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އިތުރު މީހެއްގެ ހެކިބަސް ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ނަގާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.

ކުޑަ އަންހެންކުއްޖަކާއި އެކު ގަދަކަމުން ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އާމިރު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. އާމިރުގެ ޝަރީއަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ މިދިޔަ އަހަރުގެ މާޗް 21 ގައެވެ.

ނަމަވެސް ޑިސެމްބަރު 7، 2011 ގައި ކްރިމަނލް ކޯޓުން ވަނީ އޭނާ އަށް މާލެއިން ފުރައިގެން ނުދެވޭނެ ކަމަށާއި، އަދި އެ މައްސަލައާއި ގުޅުންހުރި އެއްވެސް ފަރާތަކާއި ބައްދަލުކޮށް އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެކަމަށް ޝަރުތުކޮށް އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ އާމިރު ގަދަކަމުން ޖިންސީ އަމަލު ހިންގާފައި ވަނީ އޭނާއާ އާއިލީ ގޮތުން ގާތް ކުއްޖަކާ އެވެ.