02 Jan 2021, 09:06
ބޮލީވުޑުގައި އެންމެ ގަދައަށް ފިޔަޖަމުން އަންނަ އެއް ބަތަލާ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ގަންގޫބާއި ކަތިއަވާޅީ" މި އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.
މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒްކުރަން ނިންމި ފިލްމެކެވެ. ނަމަވެސް ކޮވިޑް 19ގެ ބަލިމަޑު ކަމުގެ ސަބަބުން ފިލްމުގެ ޝޫޓިން ނުނިމި ސިނަމާތައް ވެސް ބަންދުކުރުމާއެކު ފިލްމު ރިލީޒްކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް ގެނެސްދޭ އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.
މި ފިލްމުގެ ނުނިމި ހުރި މަންޒަރުތައް ޝޫޓްކުރަން މިހާރު ފަށާފައިވާއިރު ފިލްމުގައި ބާކީ ޝޫޓްކުރަން ހުރީ ވަރަށް މަދު ޝޮޓްތަކެއް ކަމަށް ޚަބަރުތައް ބުނެއެވެ.