މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރާއި އެމްޑީޕީގެ އިސް އެކްޓިވިސްޓް މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްގެ ހާޒިރުގައި އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސް ހުސެން އަރީފާއި މަޝްހޫރު ވިޔަފާރިވެރިޔާ ކުވާ މޮހައްމަދު ޔޫސުފް (ކުވާ މޮހަދޭ) އިތުރުން ޖާބިރުގެ އާއިލާގެ ބައެއް މެންބަރުންނާއެކު ޖުމުލް 45 ފަރާތަކުން ވަނީ ސޮއިކުރި އެވެ.

މިރޭގެ ރަސްމިއްޔާތައް ފަހު ޖާބިރު ވިދާޅުވީ ކުރިން ވެސް އޭނާ ޖުމްހޫރީ ޕާޓިގައި ހުންނެވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ގައުމަށް އިސްލާހު ގެންނަވައި ގާނޫނީ ވެރިކަމެއް ކުރައްވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ޖާބިރު ވިދާޅުވީ މިއަދު ފެންނަނީ އޭނާ ހީފުޅު ކުރެއްވި ފަދަ މަންޒަރުތައް ނޫންކަމަށާއި ގާނޫނުއަސާސީ އާއި ގާނޫނާއި ހިލާފަށް ސަރުކާރުން ކަންކަން ކުރައްވާ ޖުޑީޝަރީގެ މައްޗަށް ނުފޫޒް ފޯރުވި ހިސާބުން އެމްޑީޕީން ވަކިވެ ވަޑައިގަތީ ކަމަށެވެ.

"ގާނޫނޫ އަސާސީގެ ބޭރުން އޮޕަރޭޓް ކުރާކަމަށްވަނީ ވިއްޔާ އެމީހަކު ޖާނު ސަލާމަތްކުރުމުގެ ނިޔަތުގައި ވެސް އެތަނަކުން ނުކުމެވޭތޯ ބަލާނެ. އަޅުގަނޑު ވާނީ އެކަމާ ގުޅޭ ވާހަކަތައް ދައްކާފައި. އަޅުގަނޑުގެ ނަޒަރުގައި ސަރުކާރުން މިއަދު ކަންކުރަނީ ރަނގަޅަކަށް ނޫން އެހެންވީމަ އަޅުގަނޑު އެމްޑީޕީން ވަކީވީ،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގައި ހުންނެވީ ސިޔާސީ އެއްވެސް ކަމެއްގައި ބަސް ނުކިޔޭ އާދައިގެ މެންބަރެއްގެ މަގާމުގައި ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އެ ޕާޓީގެ ބަސްކިޔޭ މަގާމަކައި އެކުގައި ކަމަށައި ޖުމްހޫރީ ޕާޓީއާ ކުރިން ވަކިވެ ވަޑައިގެންނެވި އިރު ހުންނެވި ޕާޓީގެ ނައިބް ލީޑަރުގެ މަގާމު އަލުން ދެއްވާފައިވާ ކަމަށެވެ.

"އެ އޮޑީގައި އަޅުގަނޑު ހުންނަން އަޅުގަނޑުގެ ޒަމީރު ގަބޫލު ނުވާތީ އަޅުގަނޑު ކެނޑުނީ. އަޅުގަނޑު ވެސް އުއްމީދުކުރީ [އެމްޑީޕީއަކީ] އަޅުގަނޑަށް އަބަދުވެސް އުޅެވޭނެ ޕާޓީއެއްކަމަށް އެކަމަކު އެ ޕާޓީތެރޭގެ މާހައުލު ބަދަލުވީ. އެހެންކަމުން އަޅުގަނޑު ސަލާމަތުގެ އައްސޭރިއަކަށް އައުމުގެ ގޮތުން ޖުމްހޫރީ ޕާޓީއާ ގުޅުނީ،" ޖާބިރު ވިދާޅުވި އެވެ.

ޖުމުހުރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓިއަކީ ޖާބިރު ގެވެސް މަސައްކަތުން އުފެއްދި ޕާޓީއެއް ކަމަށާއި ޖާބިރު ޖުމްހޫރީ ޕާޓީ އާއި އަލުން ގުޅިވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"މިރޭ އަބްދުﷲ ޖާބިރު ސޮއިކުރެއްވީ ގިނިކަންޏަކާ ނޫން ޖާބިރުގެ ދެ ދަރިކަލުންނާއި މަންމަ ވެސް ސޮއިކުރައްވައިފި. އަދި އެހެނިހެން ދައްތަ އާއި ކޮއްކޮމެންނާއި އާއިލާގެ ބޭފުޅުންނާއި އިސް ސީނިއާ މުވައްޒަފުން ވެސް ސޮއިކޮށްފި. އަޅުގަނޑުމެންނަށްތި ދެއްވީ ވަރަށް ބޮޑު ހިތްވަރެއް. މީ މަނިކުފާނުގެ ވެސް ޕާޓީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ 2008 ވަނައަހަރު ޖުމްހޫރީ ޕާޓީން އެމްޑީޕީއާ ކޯލިޝަން ހެދުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އެ ޕާޓީން ކެނޑިގެން ދިޔަނަމަވެސް ކެނޑިގެން ދިޔަ ބޭފުޅުންނަށް ވުރެ ގިނަ ބަޔަކު އެ ޕާޓީއާއި ދެން ގުޅޭނެ ކަމަށާއި ޖުމްހޫރީ ޕާޓީއަކީ ގާނޫނީ އުސޫލުގެ ތެރޭގައި ހިންގާ ޕާޓީއެއްކަމަށް ހައްދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އައި އިސް އެކްޓިވިސްޓުން ނާޒިމް ބުނީ އޭނާއަކީ ވެސް އިސްލާހަށް ލޯބި ކުރި މީހެއް ކަމަށާއި އެމްޑީޕީން ކަންތައް ކުރާ ގޮތް ކަމުނުދިއުމުން ޖާބިރުއާއެކު ޕާޓީ ބަދަލު ކުރީ ކަމަށެވެ.