އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހަށް ކަރަންޓީނު ވާނީ ގޭގައި ކަމަށެވެ. އަދި އެ ފަރާތްތައް ކަރަންޓީނުން ދޫކޮށްލާނީ 10 ދުވަހަށް ފަހު ހަދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އޭގެއިތުރުން އެ ދަރިވަރުން ރާއްޖެ އަންނަ އިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއްވެސް ގެންނަން ޖެހޭނެ ކަމަށް އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން މިދިޔަ މަހުގެ 16ގައި އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން ރާއްޖެ އަންނަ އިރު 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތް ނަމަ، އެމީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށެވެ.

އެޗްޕީއޭއިން މިއަދު ބަދަލު ގެނެސްފައިވަނީ ރާއްޖޭގައި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށެވެ. އެހެން ދިވެހީންނާއި ވޯކް ވިސާގައި މަސައްކަތް ކުރާ މީހުން ރާއްޖެ އަންނައިރު ކަރަންޓީނު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.

އެހެންނަމަވެސް ރާއްޖެއިން ބޭރުން އައިސް ރަށްރަށަށް އަދި ރިސޯޓުތަކަށްދާ ފަރާތްތަކުން އަދި މާލެ ސަރަހައްދަށް އަންނަ މީހުންގެ ތެރެއިން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ އެވެ. މިފަދަ ފަރާތްތައް ކަރަންޓީނުން ދޫކުރާނީ 10 ދުވަހަށްފަހު ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެއިތުރުން އިނގިރޭސިވިލާތުން އަންނަ މީހުން ވެސް ކަރަންޓީނުވާންޖެހެއެވެ.