26 Jan 2012, 21:45
އާންމުތަނެއްގައި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުނު މީހަކު ހަމަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އާންމުތަނެއްގައި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެއް ގެންގުޅުނު ކަމުގެ ކުށުގައި ހަމަހަށް ޖަލަށް ލުމަށް މިއަދު ހުކުމްކުރީ ސ. ހިތަދޫ، ޕެންޒީމާގޭ، ޖޫދު އަބްދުއް ސަމަދުގެ މައްޗަށެވެ.
މި މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުގެރޭ 9:40 އެހާކަން ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް، ރަތް ފުސް ގޯޅިން ވަންވޭ އާއި އިދިކޮޅަށް ސައިކަލެއްގައި ޖޫދު އާއި އިތުރު މީހަކު ދާން ފެށުމުން އެ ދެމީހުން ހުއްޓުވައި ފުލުހުން ޖޫދުގެ ހަށިގަނޑު ޗެކްކުރި އިރު ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ފެނިފައިވާ ކަމަށެވެ.
ފުލުހުން ޖޫދުގެ ހަށިގަނޑު ޗެކްކުރި އިރު އޭނާގެ ކަނާތުގައި ގާތްގަނޑަކަށް ދޮޅު ފޫޓުގެ މަރުތޭލެއް އޮއްވާ ފެނުނުއިރު އޭނާގެ ޖީންސް ތެރެއަށް ކަފައޮޅާފައި އޮތް ކަޅުކުލައިގެ މުށްގަނޑުލީ ގާތް ގަނޑަކަށް އެއްފޫޓުގެ ވަޅިއެއް އޮއްވާ ފެނުނުކަމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.