ވަގު ކޭޝްކާޑު ހަދައިގެން ބޭންކްއޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުތަކުން ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި މއ. ކަނޑޫގޭ އަލީ އަހުމަދު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ހައިކޯޓުން މިގޮތަށް ހުކުމް ކުރީ އަލީ އަހުމަދުގެ ތަހުގީގު ނިމިފައިވާތީ އޭނާ ބަންދުގައި ބަހައްޓަން ނުފެނަކަމަށް މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި އަމުރު ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު މިއަދު އެވެ.

ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް އާއި އަބްދުލް ޣަނީ މުހައްމަދު އާއި ޑރ. އަޒުމިރާލްދާ ޒާހިރު ސޮއިކުރައްވައި މިއަދު އިއްވެވި ހުކުމަގައި ބުނަނީ ހޯމް މިނިސްޓްރީން އަންގާ ތަނެއްގައި މިއަދުން ފެށިގެން 15 ދުވަސް އަލީ އަހުމަދު ބަންދުގައި ބެހެއްޓުމަށް ހުކުމް ކުރާ ކަމަށެވެ.

ހުކުމްގައި ބުނަނީ މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޮށްފައިވާ ތަހްގީގަށް ލިބިފައިވާ ހެކިތަކާއި އެ މައްސަލައިގެ ބާވަތަށް ބަލާއިރު އެ މައްސަލައަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި ފުޅާ ދާއިރާއެއްގައި ހިންގިފައިވާ ކުށްތަކެއް ހިމެނޭ މައްސަލައެއް ކަމަށެވެ.

ރާވައިގެން ކުރެވޭ މިފަދަ ބޮޑެތި ކުށްތަކުގައި ބައިވެރިވާ ފަރާތްތަކަކީ އާންމުގޮތެއްގައި ވިއުގައަކުން ގުޅިފައިވާ ބައެއްކަމާއި، އެހެން ކަމުން މިފަދަ ކުށެއްގައި އިސްދައުރެއް އަދާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރުމަކީ މައްސަލައިގައި ހެކި ފޮރުވުމަށާއި ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމީހަކަށް ލިބިގެންދާނެ ކަމެއްކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.