31 Dec 2020, 22:45
ޓްވިޓާގައި ދައްކާ ވާހަކަތަކާ ހެދި ގައުމީ ޔުނިވާސިޓީގެ އިއްޒަތާއި ގަދަރު ކުޑަވާ ކަމަށް ބުނެ އެ ޔުނިވާސިޓީގެ އިސްލާމިކް ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް އެ ޔުނިވާސިޓިއިން ނަސޭހަތް ދީފި އެވެ.
ގައުމީ ޔުނިވިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަަރު ހުސެއިން ހަލީމް ސޮއި ކުރައްވައި، މިދިޔަ އަންގާރަ ދުވަހު ޑރ. އިޔާޒަށް ދިން ނަސޭހަތުގެ ލިޔުމުގައި ބުނެފައި ވަނީ އޭނާ ކުރައްވާ ސިޔާސީ ޓްވީޓުތަކާ ހެދި ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބޭ ކަމަށެވެ. މީގެ ކުރިންވެސް ޑރ. އިޔާޒަށް އޭނާގެ ޓްވީޓުތަކާ ހެދި ނަސޭހަތް ދީފައިވާ ކަމަށް ޔުނިވާސިޓީއިން ބުނެއެވެ.
"ޑރ. އިޔާޒު ކުރައްވާ ޓްވީޓުތަކާ ގުޅިގެން ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބެމުންދާތީ ސިޔާސަތުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އަނގަބަހުން 21 އޮކްޓޯބަރު 2020 ވަނަ ދުވަހު އެކަން ދަންނަވައި ނަސޭހަތް ދިނުމަށްފަހު މިފަހަރު އެކަން ލިޔުމުން އެކަން އެންގީމެވެ،" ޑރ. އިޔާޒަށް ފޮނުވި ލިޔުމުގައިވެ އެވެ.
އެ ލިޔުމުގައި، ކޮލެޖުގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގުމާއި ކެމްޕަސް ތެރޭގައި ސިޔާސީ ހަރަކާތްތަކާ ގުޅޭ ކަންތައްތައް ކުރުމާ ބެހޭ ސިޔާސަތަކާ ހަވާލާދީފައިވެ އެވެ.
އެ ސިޔާސަތުގައި ބުނަނީ ސިޔާސީ ކަންތައްތަކުގައި ކޮލެޖު ވަކި ފަރާތަކަށް ޖެހިގެން ނުވާނެ ކަމަށެވެ. އަދި އަނގަބަހުން ނުވަތަ ލިޔުމުން ސިޔާސީ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތާއީދުކޮށް ނުވަތަ އެފަދަ ފަރާތްތަކާއި އިދިކޮޅަށް ކޮލެޖުގެ މުވައްޒަފަކު ކޮލެޖުގެ ހައިސިއްޔަތުން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ ކަމަށެވެ.
އޭގެ އިތުރުން، މުވައްޒަފަކު އެފަދަ ވާހަކައެއް ދައްކާއިރު އެ ވާހަކަ ދައްކަނީ ކޮލެޖުގެ ހައިސިއްޔަތުން ވަކި ފަރާތަކަށް ތާއީދުކޮށް ނުވަތަ އިދިކޮޅަށް ކަމަށް ހީވެދާނެ ކޮންމެ ހާލަތެއްގައި އެ ވާހަކަ ދައްކަނީ އަމިއްލަ ހައިސިއްޔަތުންކަން ބުނަންވާނެ ކަމަށް އެ ސިޔާސަތުގައިވެ އެވެ. ކޮލެޖުގެ ވަޒީފާގެ މަގާމުގެ ނަން ބޭނުން ކުރަންވާނީ ހަމައެކަނި ކާކުކަން ހާމަ ކުރުމަށް ކަމަށްވެސްވެ އެވެ.
އަދި ޔުނިވާސިޓީގެ އެކެޑެމިކް މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓްއާވެސް ހަވާލާދީފައިވެ އެވެ. ކޮންމެ މުވައްޒަފަކުވެސް އުޅުން ބަހައްޓަންވާނީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރު ހިފެހެއްޓޭނެ ގޮތަށް ކަމަށް ކޯޑް އޮފް ކޮންޑަކްޓްގައި ބުނެފައިވެ އެވެ.
ޑރ. އިޔާޒަށް ދިން ނަސޭހަތުގައި ބުނެފައި ވަނީ އޭނާ ސިޔާސީ ޓްވީޓެއް ކުރައްވާ ކޮންމެ ފަހަރަކު އެ ޓްވީޓު ކުރައްވަނީ އަމިއްލަ ހައިސަތުންކަން ފާހަގަ ނުކުރައްވައިފި ނަމަ އެކަން ބެލެވޭނީ އެ މާއްދާއާ ހިލާފުވުން ކަމަށެވެ.
ޑރ. އިޔާޒުގެ ޓްވިޓާ ބަޔޯގައިވެސް ޔުނިވާސިޓީގައި އޭނާ އަދާ ކުރައްވާ މަގާމު ޖަހާފައި ހުރެ އެވެ.
ދީނީ ކަންކަމުގެ އިތުރުން ޓްވިޓާގައި ސިޔާސީ ކަންކަމާ ގުޅިގެން ޑރ. އިޔާޒު ވަރަށް ގިނައިން ޓްވީޓު ކުރައްވަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށްވެސް އޭނާ ފާޑުވިދާޅުވެ އެވެ.