01 Jan 2021, 13:37
ނިމިގެން މި ދިޔަ 2020 ވަނަ އަހަރުގައި އުނދަގޫތަކާއެކުވެސް ފުލުހުންގެ މުއައްސަސާއަށް އެކަށީގެންވާ ފެންވަރެއްގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވުނު ކަމަށާއި އާ އަހަރުގެ އަޒުމަކީ ފުލުހުންގެ އާ ގާނޫނުން ތަސައްވަރު ކުރާ ފަދަ ފުލުހުންގެ މުއައްސަސާއެއް ގާއިމް ކުރުން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު ރޭ "ސަން"އަށް ވިދާޅުވީ، ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ހުރި މައްލަތަކުގައި ފުލުހުން ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާއި ޖިންސީ ގޯނާ ފަދަ މައްސަލަތައް މަދު ކުރުމަށާއި ފުލުހުންގެ މުއައްސަސާ އިސްލާހު ކުމަށްވެސް މުހިންމު ފިޔަވަޅުތަކެއް އެޅުނު ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންގެ މުއައްސަސާއަކީ ކޮވިޑް-19އާ ގުޅިގެންވެސް ހާއްސަ މަސައްކަތެއް ކުރަން ޖެހުނު މުއައްސަސާއަކަށްވާއިރު، އެ މަސައްކަތްތައް މިދިޔަ އަހަރު ފުރިހަމައަށް އަދާ ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވުނީ 2020 އަކީ ހުރި ޗެލެންޖެސްތަކާއި ދަތި އުނދަގޫތަކާއެކުވެސް ފުދޭވަރަކަށް ރައްޔިތުންނަށް ހިދުމަތްތަކެއް އެކަށީގެންވާ ފެންވަރެއްގައި ދެވިގެން ދިޔަ އަހަރެއް ކަމަށް،" ހަމީދު ވިދާޅުވި އެވެ.
އެހެންނަމަވެސް، މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއްތޯ ނިންމާނީ ހިދުމަތް ލިބުނު ފަރާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކާމިޔާބު އަހަރެއް ކަމެއް އަޅުގަނޑު ނުނިންމާނަން. ކާމިޔާބުތޯ ނިންމާނީ އެ ހިދުމަތްތައް ލިބިގެން ދިޔަ ފަރާތްތައް. އަޅުގަނޑު ދެކޭ ގޮތުގައި އެކަށީގެންވާ ފެންވަރެއްގައި ރަނގަޅު ހިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެންނަށް ފޯރުވުނު އަހަރެއް،" ސީޕީ ވިދާޅުވި އެވެ.
ކުރިއެރުންތަކެއް ލިބުނު
މިދިޔަ އަހަރު ފުލުހުން ވަނީ އެއްގަމާއި ކަނޑުމަގުން ޓްރެފިކް ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގައިފަ އެވެ. ސީޕީ ހަމީދު ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގަންނަން ވަރަށް ގިނަ ވަގުތު، ހިތްވަރާއި، ކެތްތެރިކަމާއި، ފަރުވާތެރިކަމާއެކު ފުލުހުން މަސައްކަތް ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރު މަސްތުވާތަކެތި ހުއްޓުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަތުމުގެ ސަބަބުން އޭގެ ވިޔަފާރިއަށް ހުރަސް އެޅި، އެކަމުން ދިވެހި ޒުވާނުންނަށް ކުރާ އަސަރުތައް ކޮންމެވެސް ވަރަކަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ ނެޓްވޯކުތަކުގެ ތެރެއިން ރޭވިގެން ބޭރުގެ ފަރާތްތާ ގުޅިގެން ރާއްޖޭގެ ސަރަހައްދަށް ވައްދައި ގޭބީސީތަކަށް ދިވެހި އާއިލާތަކަށް ދިވެހި ޒުވާނުންނަށް އޭގެއިން ކުރާ އަސަރަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް މި ގެނެވެނީ ހުއްޓުވައިގެން،" ހަމީދު ވިދާޅުވި އެވެ.
އެހެންނަމަވެސް، މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައި ފަރުވާ އާއި، ޝަރީއަތް ކުރުމާއި، ތަހުގީގުކޮށް ދައުލަތުގެ ތެރެއިން އަޅަން ޖެހޭ އެހެން ފިޔަވަޅުތައް އެޅުމުގައި އަދިވެސް ކުރިއެރުން ހޯދަން ޖެހޭ ކަމަށް ހަމީދު ވިދާޅުވި އެވެ.
އޭޕްރީލް 15، 2020: ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިދިޔަ އަހަރު ހަރުކަށި ފިކުރާ ދެކޮޅަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސް އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅެމުންދާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކާ ގުޅިގެން މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ ފްރޭމްވޯކެއް ފުރަތަމަފަހަރަށް އެކުލަވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް، އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން ފުޅާ ކުރުމާއި އެހެން ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި މައުލޫމާތު ހިއްސާ ކުރުން ފަދަ ކަންކަމުގައި ހޯދަން ޖެހޭ ކުރިއެރުން އަދިވެސް އެބަ ހުރި ކަމަށް ވިދާޅުވި އެވެ.
ވިހިވިހީގައި ފުލުހުންގެ އާ ގާނޫނު ތަސްދީގުކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. ފުލުހުންގެ ގާނޫނަށް ފުލުހުންގެ މުއައްސަސާ އަހުލުވެރިކުރުމަށާއި އެ ގާނޫނު ތަސައްވުރު ކުރާ ފަދަ ފުލުހުންގެ މުއައްސަސާއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
އެގޮތުން އެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ 30އަށް ވުރެ ގިނަ ގަވައިދު ހެދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ދޭނެ ގޮތްތަކާ ބެހޭ ކަންކަމާއި އެ ގާނޫނު ލާޒިމު ކުރާ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.