26 Jan 2012, 21:13
މިނިވަން މުއައްސާތަކާއި ބެހޭ ކޮމެޓީއަށް މިއަދު އެމްޑީޕީން ހުށަހެޅި މައްސަލައިގެ ވޯޓުގައި ބައިވެރި ނުވެ ވޯކްއައުޓް ކުރުމަށްފަހު ޑިއާރްޕީން އަނެއްކާވެސް މިނިވަން މުއައްސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން އެދެފި އެވެ.
ޑީއާރްޕީން ކޮމެޓީއަށް އަލުން ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުއްﷲ މުހައްމަދު ހައްޔަރުކޮށްފައިވާ މައްސަލައާ ގުޅިގެން ޖޭއެސްސީގެ އިތުރުން އެޗްއާރްސީއެމާއިި ޕީޖީ ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން މި މައްސަލަ ވަނީ މިދިޔަ ހޯމަ ދުވަހު މަޖިލަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެންބަރުން ވޯޓު ދެއްވައިގެން އެ ދުވަހު ބޭރު ކޮށްލާފަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އަލުން މިނިވަން މުއައްސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމަކަށް އެދިވަޑައިގަތީ އެމްޑީޕީން އަބްދުﷲ ގާޒީގެ މައްސަލައިގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުން ގެންދާތީ ކަމަށެވެ.
އެނާ ވިދާޅުވީ ޖޭއެސްސީ އިން އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅާފައި ނުވާތީ މައްސަލަ ހުށަހެޅުމުން ކޮމެޓީ ވޯކްއައުޓް ކުރެއްވީ އަބްދުﷲ ގާޒީ ހައްޔަރު ކޮށްއިފައިވާ މައްސަލައިގައި ފުރަތަމަ ހާޒިރު ކުރަން ޖެހޭ ފަރާތްތައް ހުއްޓާ އެހެން މައްސަލަ ތަކެއް ބެލުމަށް މަސައްކަތް ކުރުމުން ކަމަށެވެ.
ހަނިމާދޫ ދާއިރާގެ ޕީޕީއެމް މެންބަރު މުހައްމަދު މުޖުތާޒު މިއަދުގެ ވިދާޅުވީ މިހާރު މުހިންމީ ކްރިމިނަލް ކޯޓްގެ އިސް ގާޒީއާ މެދު ޖޭއެސްސީ އިން ފިޔަވަޅު ނޭޅި މައްސަލަ ނޫން ކަމަށް ކަމަށެވެ.
"ގައުމުގެ ހަލަބޮލި ކަމަށް އައީ ޖުޑީޝަލް ސާވިސް ކޮމެޝަނުން އަޅަން ޖެހޭ ފިޔަވަޅު ތަކެއް ނޭޅިގެނެއް ނޫން. ގައުމު ހަލަބޮލި ކަމަށް އައި ހިސާބަކީ އަބްދުﷲ މުހައްމަދު ގައުމީ ދިފާއީ ބާރުގެ ފަރާތުން ގެންދިޔަ ތަނަކަށް ގެންދިޔަ ހިސާބުން ފެށިގެން،" މުޖްތާޒު ވިދާޅުވި އެވެ.
އެމްޑީޕީން މިނިވަން މުއައްސާތަކަށް ހުށަހެޅުއްވި މައްސަލައިގައި ބަހުސް ކުރުމަށްފަހު އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް، ހިއުމަން ރައިސްޓް ކޮމިޝަނާއި ޕީޖީ ހާޒިރު ކުރުމަށް އެމްޑީޕީން އެއްބަސް ނުވުމުން ކޮމެޓީގައި ހިމެނޭ ޑީއާރްޕީގެ ތިން މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުން ވަނީ މިއަދު ކޮމެޓީ ވޯކްއައުޓް ކުރައްވާފަ އެވެ