ޑްރަގަށް ދެވި ހިފާފައިވާ މީހުން ހައްޔަރުކޮށްފައި ބައިތިއްބާ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ގުޅީފަޅުގައި ގާއިމްކުރަން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ނިންމަވައިފި އެވެ.

އެ ސެންޓަރަކީ، 2011 ވަނަ އަހަރު އަމަލުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ގާއިމްކުރަން ލާޒިމްވާ ސެންޓަރެކެވެ. އެހެން ނަމަވެސް އެ ގާނޫނަށް ނުވަ އަހަރުވީއިރު، މިހާތަނަށް އެ ސެންޓަރު ގައިމްކޮށްފައެއް ނުވެ އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ތަން ހިންގުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ އިޖުރައަތްތަކުގެ ދަށުން، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާއެކު، އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ތަނަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ގޮތުން، އެގާނޫނަށް އަމަލު ކުރަން ފަށާތާ 18 މަސްދުވަސްތެރޭ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގާއިމް ކުރަން ޖެހެ އެވެ.

އެ ސެންޓަރުގެ ބޭނުމަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑެލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުުކުރާ މީހުން، ބަންދުގެ މުއްދަތުގައި އެތާނގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދިނުމެވެ.