ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގުތުން ދޫކޮށްލުމަށް ޖޭއެސްސީން ސިފައިންނަށް އިލްތިމާސް ކުރައްވައިފި އެވެ.

މިއީ އަބްދުﷲ ގާޒީ ހައްޔަރުކުރިތާ 10 ދުވަސް ވީއިރު އޭނާ ދޫކޮށްލުމަށް ޖޭއެސްސީން ގޮވާލެއްވި ފުރަތަމަ ފަހަރެވެ.

ޖޭއެސްސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރީ ގާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރައްވާފައިވާ ހުކުމާއި އެއްގޮތަށް އަބްދުﷲ ގާޒީ މިނިވަންކޮށް ދޫކޮށްލުމަށް ސިފައިންގެ މައްޗަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރުމުގައި، ދެއްވި ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރެއް ނުވަތަ ހުކުމަކާއި ގުޅިގެން ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފް ކުރުމުގެ އުސޫލުތަކުގެ ބޭރުން އެއްވެސް ހާލެއްގައި ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ފަނޑިޔާރަކު ހައްޔަރު ކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓަކުން ނެރޭ އަމުރެއްގެ ދަށުން ކަމަށާއި އެފަދަ އަމުރަކަށް އެދެންވާނީ ތަހުގީގު ކުރާފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުށަހެޅުމުން އެއީ އެކަށީގެންވާ ސަބަބުތަކެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި ކަމަށް ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަމާއްދާގެ (ހ) ގައި ބުނެފައިވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކުރި އިރު ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުވެސް ވަނީ އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްފައެވެ. ނަމަވެސް ސިފައިން ވަނީ މި އަމުރުތަކަށް އަޅާ ނުލައި ދޫކޮށްލާފަ އެވެ.

އަބްދުﷲ ގާޒީ ދޫކޮށްލުމަށް ޖޭއެސްސީން ސިފައިންނަށް އިލްތިމާސްކުރި އިރު އަބްދުﷲ ގާޒީ އާއި މެދު ފިޔަވަޅު އެޅުން ފަސް ކުރުމަށް ޖޭއެސްސީގެ މައްޗަށް ސިވިލްކޯޓުން ކުރި އަމުރު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ޖޭއެސްސީން ބުނީ އެ އަމުރު އިސްތިއުނާފު ކުރީ ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލަ ސުޕީރިއާ ކޯޓަކަށް ބެލޭނެކަމަށް ކޮމިޝަނަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.