31 Dec 2020, 13:49
ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައި، ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށް ހިދުމަތް ކޮށްދެއްވި މއ. ދޭދަރުގޭ އިސްމާއިލް ފިރާގު އަވަހާރަވެއްޖެ އެވެ.
އިސްމާއިލް ފިރާގު އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
އިސްމާއިލް ފިރާގަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓް އެންޑް ޕްރޮޓޮކޯލް ފާތިމަތު މުހައްމަދު ސޯލިހުގެ ފިރިކަލުންނެވެ. އޭނާ އަކީ ރައީސް ސޯލިހުގެ ޅިޔަނެއް ވެސް މެ އެވެ.
އިސްމާއިލް ފިރާގު އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ރޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަވަހާރަވި އިރު އުމުރަކީ 59 އަހަރެވެ.
އިސްމާއިލް ފިރާގު ވަނީ 19 އަހަރަށް ވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވާފައިވައިފަ އެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސެކްރެޓަރީކަމެވެ. އޭގެފަހުން އެ މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރު ކަމާއި، ޕްރޮގްރާމް އެނަލިސްޓު ކަން ކުރައްވާފައިވެ އެވެ.
އޭގެ ފަހުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު، ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމު އަދާކުރައްވާފައިވެ އެވެ.
އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނާޖީ އެންޑް ވޯޓާގެ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައިވެ އެވެ.
ފިރާގު އަވަހާރަވިއިރު އަންހެން ބޭފުޅަކާއި، ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.
އިސްމާއިލް ފިރާގުގެ މައްޗަށް ކަށުނަމާދުކުރުން އޮތީ، މިއަދުގެ މެންދުރު ނަމާދަށް ފަހު ފުރުގާން މިސްކިތުގަ އެވެ.
ކަށުނަމާދާއި ޖަނާޒާގައި ރައިސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.