31 Dec 2020, 13:24
ކޮވިޑް-19 ހާލަތާ ގުޅިގެން ރާއްޖޭގައި އަލަށް ފެށި ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތުގެ އެންމެ މޮޅު ދަރިވަރުންތައް ހޮވައި ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އެ މުބާރާތުގައި އެކި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ވަނީ ދީފަ އެވެ.
އެ މުބާރާތް ކުރިއަށް ގެންދިޔައީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މުޖައްވަދުކޮށް (ދިގު ރާގަށް) އަދި ހަދަރުކޮށް (ކުރު ރާގަށް) ކިޔެވުމުގެ ބައެވެ. އެއިން ކޮންމެ ބަޔަކުން އަންހެން އަދި ފިރިހެން ވަކިކޮށް އެންމެ މޮޅު ފަސް ދަރިވަރުން ވަނީ ހޮވައިފަ އެވެ.
އަދި އެއަށް ފަހު މުޅި މުބާރާތުގައި ދެ ބައި އެއްކޮށް އަދި އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން އެއްކޮށް އެންމެ މޮޅު ދަރިވަރުން ވަނީ ހޮވާފައެވެ. އެގޮތުން:
ދެ ކެޓަގަރީ އެއްކޮށް މުޅި މުބާރާތުން އެއްވަނަ – މުހައްމަދު ސާއީ މުބާރިކް، ސަރާމަންޒިލް، ނ. ހޮޅުދޫ
- ދެ ކެޓަގަރީ އެއްކޮށް މުޅި މުބާރާތުން ދެވަނަ – އަކްމަލް އަހުމަދު އަލީ، ބަނަފްސާގެ، ނ. ހޮޅުދޫ
- ދެ ކެޓަގަރީ އެއްކޮށް މުޅި މުބާރާތުން ތިންވަނަ – އައިޝަތު އިނާން ރަމްޒީ، ހިރިޔާ، ށ. ފުނަދޫ
އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މިއަދު ނިމިގެންދިޔަ އެ މުބާރާތަކީ ހާލަތަށް ރިއާޔަތްކޮށް ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދެވުނު މުބާރާތެއް ކަމަށެވެ. އެގޮތުން ހާލަތެއްގައި ވެސް ގުރުއާން މުބާރާތް މެދުކެނޑުމެއް ނެތި ކުރިއަށް ގޮސްފައިވާތީ އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓްރީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލާފައިވަނީ އެއްބައިވަންތަކަމާ ގުޅިގެން މަސައްކަތް ކުރުމަށެވެ. އެގޮތުން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް ކުރިއެރުން ލިބޭނެ ކަންތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ގައުމެއްގައި އެންމެ މުހިއްމު ވާނީ އެގައުމެއްގެ އާންމުން ނުވަތަ ރައްޔިތުން ކަމަށް ފައިސަލް ނަސީމް ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ގައުމެއްގައި އެގައުމުގެ ޅަ ދަރީންނަށްވުރެ މުހިއްމު ބައެއް ނުތިބޭނެ ކަމަށެވެ.
އެހެންކަމުން އެ ޅަ ދަރީން ރައްކާތެރިކުރުމަށް ޓަކައި ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުއުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުން ދިޔަ ގައުމީ މުބާރާތާއި ހިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ގައުމީ ފެންވަރުގައި ބޭއްވި މުބާރާތެކެވެ. އެ މުބާރާތް ކުރިއަށް ގެންދިޔައީ ދެ ރައުންޑަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ރައުންޑުގައި ދަރިވަރުން ވަނީ ވީޑިއޯ އޮޑިޝަން ހުށަހަޅައިފަ އެވެ.