މި ފެށޭ 2021 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 13.5 ޕަސެންޓު ކުރިއަރާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ލަފާކޮށްފި އެވެ.

އެމްއެމްއޭގެ "އިކޮނޮމިކް އަޕްޑޭޓް" ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި މޮޑަރޭޓް ހާލަތުގައި މިއަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 29.3 ޕަސެންޓުން ދަށްވާނެ އެވެ.

މީގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމާއި ހޯލްސޭލް، ރީޓެއިލް އަދި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓުގެ އިތުރުން ޓްރާންސްޕޯޓު އަދި ކޮމިއުނިކޭޝަންގެ ދާއިރާތަކަށް ބޮޑު ހީނަރުކަމެއް އައުމުންނެވެ.

އެހެން ނަމަވެސް އަންނަ އަހަރު ޖީޑީޕީ 13.5 ޕަސެންޓުން ކުރިއަރާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.

ވަކިވަކި ސިނާއަތްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ބަލާއިރު މިއަހަރުގެ ނޮވެމްބަރާ ހަމައަށް ފަތުރުވެރިން އައި އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 70 ޕަސެންޓު ދަށްވެފަ އެވެ. އެހެން ނަމަވެސް ބޯޑަރު ހުޅުވާލުމަށްފަހު ފަތުރުވެރިކަން މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އެމްއެމްއޭއިން ފާހަގަކުރެ އެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް ހިލޭ އެހީ ނުހިމަނައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިއަހަރު 45 ޕަސެންޓު ނުވަތަ 647.8 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ. އަދި މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު މިއަހަރު ދައުލަތުގެ ހަރަދުވެސް ވަނީ 26 ޕަސެންޓު ނުވަތަ 733.8 މިލިއަން ރުފިޔާ ދަށްވެފަ އެވެ.

މިއަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 638.1 މިލިއަން ޑޮލަރެވެ. ނޮވެމްބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 629.9 މިލިއަން ޑޮަލަރަށް ދަށްވެފަ އެވެ.

އޮކްޓޫބަރު މަހު ރިޒާވުގައި ހުރި އަދަދާ އަޅާބަލާއިރު ނޮވެމްބަރު މަހު ރިޒާވް އެއް ޕަސެންޓު ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރިޒާވް ވަނީ ހަތަރު ޕަސެންޓު އިތުރުވެފަ އެވެ.