26 Jan 2012, 20:35
ހައިކޯޓާއި ސްޕްރީމް ކޯޓުގެ ފަޑިޔާރުން ފިޔަވާ އެހެން ފަނޑިޔާރުންގެ މުސާރަ ހިފަހައްޓަން ފިނޭންސް މިނިސްޓަރަށް ގޮވާލައި އެމްޑީޕީން ސުޕްރީމް ކޯޓު ކައިރީ މުޒާހަރާކޮށްފި އެވެ.
އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރު "ޖުޑީޝަރީ ހަމަމަގަށް އެޅުވުމަށް" ކަމަށް ބުނެ ސުޕްރީމް ކޯޓު ކުރިމަތީ ފެށި އެއްވުމުގައި ފުރަތަމަ ވާހަކަދެއްކެވީ ކުރިން ޖޭއެސްސީ ގައި ރައީސިލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރެއްވި އަދި މިހާރު ހޯމް މިނިސްޓްރީގެ ނައިބު އައިޝަތު ވެލެޒިނީ އެވެ.
އަޑުގަދަ ކުރާ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ވެލެޒިނީ ވިދާޅުވީ ކޯޓުތަކުގެ ފަޑިޔާރުން ހުވާ ކުރައްވައިގެން ތިއްބެވީ ފަޑިޔާރުންގެ ގާނޫނާއި ހިލާފަށް ކަމަށާއި އެކަން އެގޮތަށް ދިމާވީ ޖޭއެސްސީއަށް މަސްއޫލިއްޔަތު އަދާނުކުރެވިގެން ކަމަށެވެ. ޖޭއެސްސީއަކީ ރަނގަޅަށް ހިނގަމުން އައި މުއައްސަސާއެއް ކަމަށާއި ނަމަވެސް އަބްދުﷲ މުހަންމަދު އެ މުއައްސަސާ ހަލާކުކޮށްލާފައި ވާކަމަށް ވެސް ވެލެޒިނީ ވިދާޅުވި އެވެ.
އޭނާ އަޑު ހަރުކޮށް ވާހަކަ ކުރިއަށް ގެންދަވާތާ 10 ވަރަކަށް މިނެޓް ފަހުން ރަޔަޓް ފުލުހުން އެ ސަރަހައްދަށް އައެވެ. އޭގެ އިރުކޮޅެއް ފަހުން ވެލެޒިނީ ވަނީ އޭނާގެ ވާހަކަ ކުރުކޮށްލެއްވުމަށް ފަހު ވަޑައިގެންފަ އެވެ.
މަދުބަޔަކާ އެކު އިރުއޮއްސުމާ ހަމައަށް ކުރިއަށް ދިޔަ އެ އެއްވުމުގައި ވެލެޒިނީއަށް ފަހު މުޅިން ވެސް ވާހަކަފުޅު ދެއްކެވީ އަލްހާން އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި އޮންނަ ހައްގުތަކެއް އަބްދުﷲ ގާޒީއަށް ގެއްލިގެން އެ ވާހަކަ ދައްކާއިރު ގައުމުގެ އެތައް ބައެއްގެ ހައްގު ގެއްލިފައިވާ ކަމަށެވެ.
"ނަޝީދަށް ހައްގުގެ ވާހަކަ ދައްކަން އެނގުނީ މިއަދުތޯ؟" އަލްހާން ސުވާލުކުރައްވަމުން ގެންދެވި އެވެ.
އަދި ކޯޓުތަކަށް ފަޑިޔާރުން ވަދެ ތިބީ "ވަލު ދޮރާށިން" ކަމަށާއި އެމީހުން ގާނޫނާ އެއް ގޮތަށް ކޯޓުތަކުގެ ނުވަންނަނީސް އަދި އެ މައްސަލަ ޖޭއެސްސީން ހައްލު ނުކުރަނީސް ފަނޑިޔާރުންގެ މުސާރަތައް ނުދިނުމަށް ފިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބަށް އޭނާ ގޮވާލެއްވެވި އެވެ.
އެއްވުމާ ގުޅިގެން ސުޕްރީމް ކޯޓު ކުރިމަތި ހަލަބޮލިވާން ފެށުމުން އެ ސަރަހައްދުގައި ފޯރިމެރި ރަޔަޓް ފުލުހުން ވަނީ މީހުންތައް ދުރަށްލައި ބަންޑާރަ މިސްކިތާ ހިސާބަށް ފަހަތަށް ޖައްސާފަ އެވެ. އަދި މުޒާހަރާގެ އިސް އެކްޓިވިސްޓުން ސުޕްރީމް ކޯޓުކުރިމަތީ އިށީންނަން ފެށުމުން އެމީހުން އެ ސަރަހައްދުން ގެންދިޔައީ އުފުލާލައިގެނެވެ. އަލްހާން އާއި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވެސް ނަގައިގަނެގެން ގެންދިޔުމުން އެވަގުތު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގި އެވެ.
ފުލުހުން އަލްހާން ސުޕްރީމް ކޯޓު ދޮރުމަތިން ދުރަށް ގެންދިޔުމުން ބަންޑާރަ މިސްކިތް ކައިރީ ހުންނަވައިގެން ވެސް އޭނާ ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ބަޔަކު އެކަމާ ދެކޮޅަށް އަޑު އުފުލަނީ "މާފިޔާ ގޭންގުތައް ހިނގާ ގޮތަށް ރާއްޖޭގައި ޝަރީއަތް ނުކުރެވިގެން" ކަމަށެވެ.
އަލްހާން ވަނީ އެމްޑީޕީން ވަކިވަޑައިގެންނެވި އަބްދުﷲ ޖާބިރަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކާފަ އެވެ.
މިއަދު އެއްވުން ނިންމާލީ "ތިހެނެއް ނުކިޔޭނެ" ކެމްޕޭންގެ ޖަލްސާ މިރޭވެސް ހަރުގޭގައި ބާއްވާނެ ކަން އިއުލާން ކުރައްވަމުންނެވެ.