ލ. މާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީ އިންނެވެ. އެ ކުންފުނިން ބުނީ މާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

މާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 26،885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް 568 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވެ އެވެ.

އަދި 55 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންގޮސްފައިވެ އެވެ.

މާވަށު ބަނދަރު މަޝްރޫއަށް 27.3 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.