31 Dec 2020, 09:54
ވޮޝިންޓަން (ޑިސެމްބަރު 31) : ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން އުފެއްދި ވެކްސިން (ސީނޮފާމް ވެކްސިން) އާންމުންގެ ގަޔަށް ޖަހައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފިއެވެ.
ޗައިނާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ "ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް" އިން އުފައްދައި ތަޖްރިބާގެ ހުރިހާ މަރުހަލާތަކެއް ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފައިވާ "ސީނޮފާމް ވެކްސިން" އަކީ ރައްކާތެރި ވެކްސިންއެއްކަން ދައުލަތުގެ ސިއްހީ ކަންކަމާބެހޭ ފަންނީ ރެގިއުލޭޓް އިދާރާތަކުން ކަނޑައަޅާފައިވާކަމަށާ މިއާއެކު އާންމުންގެ ގަޔަށް ޖަހައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމުގައެވެ. ކުރިން މިވެކްސިން ޖެހުމުގެ ހުއްދަދިނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ގަޔަށް އެކަންޏެވެ.
ވެކްސިނަށް ހުއްދަ ދިންއިރު ޗައިނާގެ ޕަބްލިކް ހެލްތާބެހޭ އިދާރާތަކުންވަނީ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއްވެސް ފަށާފައެވެ. ވެކްސިން އުފެއްދި "ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް" އަކީ ބޭހާއި ވެކްސިންއާއި އެނޫންވެސް ސިއްހަތާބެހޭ ދާއިރާގެ ގިނަ އުފެއްދުންތަކެއް އުފައްދާ ޗައިނާ ސަރުކާރުގެ ބިނަ ކުންފުނި ކަމަށްވާ ސީނޮފާމް ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ވެކްސިން ޖަހާމީހުންގެ ތެރެއިން 85 އިންސައްތަ މީހުން ކޮވިޑް-19 އިން ސަލާމަތްވާކަން ތަޖްރިބާތަކުން ކަށަވަރުވެފައިވާކަން ޗައިނާއިންވަނީ ހާމަކޮށްފައެވެ.
ޗައިނާގެ ޕަބްލިކް ހެލްތާބެހޭ އިދާރާތަކުން ރާވާފައިވާ ޕްލޭންތަކަށް ބަލާއިރު ފެބުރުވަރީ މަހުގެ ތެރޭގައި 70 މިލިޔަނާއި 80 މިލިޔަނާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވެކްސިން ދޭނެއެވެ. ޗައިނާއިންވަނީ ކޮވިޑް-19 އާ ދެކޮޅަށް އެހެން ވެކްސިން އެއްވެސް އުފައްދާފައެވެ. އެވެކްސިންގެ ކްލިނިކަލް ތަޖްރިބާގެ އެންމެ ފަހުގެ މަރުޙަލާ ވަނީ ނިމުމުގެ މަގުމަތީގައެވެ.
ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން އުފައްދަން ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުތަކުން މަސައްކަތްކުރާއިރު ދުނިޔޭގެ ގިނަ ގައުމުތަކުންވަނީ މީގެތެރެއިން ބައެއް ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ މިހާރު ދީފައެވެ. ތަޖްރިބާގެ ހުރިހާ މަރުހަލާތަކެއް ނިމި ހުއްދަ ދިން ވެކްސިންތަކުގެ ތެރޭގައި އެމެރިކާއާއި ޖަރުމަނުން އުފެއްދި ފައިޒާ ވެކްސިންއާއި އެމެރިކާގެ މޮޑާނާގެ ވެކްސިން އާއި ރަޝިއާގައި އުފެއްދި ސްޕޮޓްނިކް V ވެކްސިން ގެ އިތުރުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފެއްދި ވެކްސިން ހިމެނެއެވެ.
މިހާރު ކްލިނިކަލް ތަޖްރިބާގައި ހުރި ވެކްސިންތަކުގެ ތެރޭގައިވެސް ވިއްސަކަށް ވެކްސިން ހިމެނެއެވެ. އޭގެތެރޭގައި އިންޑިއާ، ތުރުކީ، މެކްސިކޯ، އާޖެންޓީނާ، އޮސްޓްރޭލިޔާ، ތައިލެންޑް، ޓައިވާން، ޖަޕާން، އީރާން، އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެކްސިންތައް ހިމެނެއެވެ. މީގެތެރެއިން ބައެއް ވެކްސިންތަކުގެ ކްލިނިކަލް ތަޖްރިބާތައް އަންނަ މާޗް އެޕްރީލް އަދި މޭ މަހުގެ ތެރޭގައި ނިމޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑް-19 ދުނިޔޭގެ ލެވެލްގައި ކޮންޓްރޯލް ކުރެވޭނީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔޫ.އެޗް.އޯ) އިންނާއި ސިއްހަތާބެހޭ ދިރާސާތައްކުރާ ފަރާތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)