ބޮލީވުޑްގެ ޒުވާން ދެ އެކްޓަރުން ކަމަށްވާ ސިދާތް މަލްހަތްރާ އާ ކިއާރާ އަދުވާނީ ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

ދެތަރިން މުމްބާއީ އެއާޕޯޓްގައި ތިބިތަން ޕަޕަރާޒީންނަށް ފެނި ފޮޓޯ ނަގާފައިވާއިރު ލޯބިވެރިޔާ ކިއާރާ ގޮވައިގެން ސިދާތް އައީ ސޮނެވާފުށްޓަށެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފާޅުގައި ދެތަރިން އެއްބަސްނުވި ނަމަވެސް މިދެޖޯޑުގެ ލޯބީގެ ވާހަކަ ދޭތެރެ ދޭތެރެއިން މީޑިއާތަކުގެ ފަލަ ސުރުހީ އަށް އަރަ އެވެ. އާ އަހަރު ފާހަގަކުރަން ދެތަރިން ރާއްޖެ އައިރު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ ދެތަރިންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

މިއަހަރަކީ ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންނެއް ރާއްޖެ އައި އަހަރެކެވެ. އޭގެ ތެރޭގައި ޓައިގާ ޝްރޮފް، ދިޝާ ޕާޓްނީ، ސޮނާކްޝީ ސިންހާ، ތާރާ ސުތާރިއާ، ތާޕްސީ ޕަންނޫ، ރަކުލް ޕްރީތު އަދި ނެހާ ދޫޕިއާ ފަދަ ތަރިން ހިމެނެ އެވެ.

ކިއާރާ އާއި ސިދާރްތު އެކުގައި ކުޅޭ ފުރަތަމަ ފިލްމު “ޝޭރްޝާހް"ގެ ޝޫޓިން މިދެތަރިން ވަނީ ދާދިފަހުން ނިންމާލައިފަ އެވެ.