ބޮލީވުޑްގެ ވާސަޓައިލް ތަރި އިރުފާން ޚާން މަރުވިއިރު އޭނާ ކުޅެ ރިލީޒްނުކުރެވި އޮތް ހަމައެކަނި ފިލްމު އަންނަ އަހަރު ސިނަމާތަކުގައި އަޅުވަން ނިންމައިފިއެވެ.

"ދަ ސޯންގް އޮފް ސްކޯޕިއަންސް" ގެ ނަމުން ނަންދީފައިވާ އެ ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އިއުލާންނުކުރި ނަމަވެސް ފިލްމު އަންނަ އަހަެު ކުރީކޮޅު އަޅުވާނެކަމަށް މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ބުންޏެވެ. އިންޑިއާގެ ތަރިންގެ އިތުރުން އިންޑިއާ އިން ބޭރު ތަރިންވެސް ހަރަކާތްތެރިވާ މި ފިލްމަކީ އަނޫޕް ސިންގް ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގައި އިރުފާން އާއެކު ހަރަކާތްތެރިވާނީ ބަތަލާ ގޮލްޝިފްތޭ ފަރަހާނީ، ޓިލޮޓޯމާ ޝޯމް، ވަހީދާ ރަހްމާން އަދި ޝަޝަންކް އަރޯރާ ފަދަ ތަރިންނެވެ.

ކޯލޯން އިންފެކްޝަނެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް އެކްޓަރު އިރުފާން ޚާން މަރުވީ މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ. އިރުފާން ހާން މަރުވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.

ބޮލީވުޑް އާއި ހޮލީވުޑްގެ ބައެއް ބޮޑެތި އުފެއްދުންތަކުގައި އޭނާ ފެނިފައިވާއިރު އެންމެ ގިނަ ބައެއްގެ ތެރޭގައި އޭނާގެ އެކްޓިން ހުނަރަށް ލޯބި ލިބިފައިވަނީ 2008 ވަނަ އަހަރުގެ ނެރުނު މަޝްހޫރު ފިލްމު "ސްލަމްޑޯގް މިލިއަނާއާ"އިންނެވެ.