އަވިން ހަކަތަ އުފައްދާ ފްލޯޓިން ސޯލާ ޕޮޑް ސްޓެލްކޯއިން ތައާރަފްކޮށްފިއެވެ.

މިރޭ ސްޓެލްކޯއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޮޑްތައް ތައާރަފްކޮށްދެއްވީ އެ ކުންފުނީގެ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދުއެވެ.

މިރޭ ތައާރަފްކުރި ސޯލާ ޕޮޑަކީ މޫދުގައި ފްލޯޓްކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

ސްޓެލްކޯއިން ބުނީ އެ "ސޯލާ ޕޮޑް" ތަކަކީ ރާއްޖޭގެ މާހައުލާއި އެންމެ އެކަށޭނެ ގޮތަށް އެ ކުންފުނިން ފަރުމާކުރި އަމިއްލަ އުފެއްދުމެއް ކަމަށެވެ. އަދި މިއީ ރާއްޖެފަދަ މޫސުމީ ބަދަލުތަކާއެކު ކަނޑުގަދަވުންފަދަ ކަންކަން ދިމާވާ މާހައުލެއް އޮންނަ ގައުމެއްގައި ބޭނުން ކުރުމަށް އެކަށޭނެ ޕޮޑްތަކެއްކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ އެ ޕޮޑްތައް ރަނގަޅަށް ބެލެހެއްޓޭނަމަ 25 އަަހަރު ބޭނުންކުރެވޭނެ ކަމަށާއި ޕޮޑްތަކުގައި 330 ވޯޓްގެ އަށް ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށެވެ. އަދި އެ ޕެނަލްތައް ފުރާޅެއްގައި ހަރުކުރާ ޕެނަލްތަކަށް ވުރެ މާ ރަނގަޅަށް މަސައްކަތް ކުރާ ކަމަށާއި އެގޮތުން މަހަކު 360 ޔުނިޓް އުފައްދައިދޭނެ ކަމަށެވެ.

އެ ސޯލާ ޕޮޑްތައް ފަރުމާކޮށްފައިވާނީ ޕްލަގް އެންޑް ޕްލޭ ކޮންސެޕްޓަށް އެކަތި އަނެކައްޗާއި ފަސޭހައިން، ގުޅުވާލެވޭގޮތަށެވެ. އަދި ސީދާ ރަށްރަށުގެ ކަރަންޓު ގްރިޑާއި ގުޅާލުމުގެ އިތުރުން، ގްރިޑް ނުހުންނަ ރަށްރަށުގައި، ވަކިން ބެޓްރި ސިސްޓަމަކާއި ގުޅާލައި އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެ ފަދަ ގޮތަކަށެވެ.

ސޯލާ ޕޮޑްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ މުޣުނީ ވާހަކަދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ

އެ ސޯލާ ޕްޑްގެ އިތުރު ސައިޒުތައް ކުރިއަށް އޮތް ތަނުގައި ނެރުމަށް ނިންމާފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމާޒުހިފާފައިވާގޮތަށް އިޔާދަކުރަނިވި ހަކަތައިގެ އާދައުރެއްގެ، ފެށުމަށްހަދައި، ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރާއި ރައްޔިތުން ދެކެމުން މިއަންނަ ހުވަފެނުގައި ކުލަ ޖައްސައިދޭނެ ވަސީލަތަކަށް އެ ޕޮޑްތައް ވެގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެެވެ.

މިރޭގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އެ ސޯލާ ޕޮޑަކީ ސެޓްލެކޯގެ ގްރީން ލައިފް ޕްރޮގްރާމުގެ ދަށުން ތިމާވެއްޓާއި ރަހުމަތްތެރި ސަގާފަތެއް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ވަރަށްވެސް ފުރިހަމަ އީޖާދީ މަސައްކަތެއް ކަމަށެވެ.

"މި ސޯލާ ޕޮޑު ފަރުމާކުރެވިފައި މިވަނީ ޖާގައޮތް ބޮޑު ފަޅެއްގައި މިފަދަ ގިނަ ޕޮޑުތަކެއް އެކަތި އަނެކައްޗާއި ފަސޭހައިން ގުޅާލައި ރާވާލައިގެން ގިނަ އަދަދެއްގެ ހަކަތަ ނެގޭގޮތަށް." މުޣުނީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސްޓެލްކޯގެ ވިސްނުމަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ތިމާވެއްޓާއި ރަހުމަތްތެރި ގޮތުގައި ހަކަތަ އުފެއްދުމުގެ މާހައުލެއް ގާއިމުކުރަން ބާރު އަޅައި ދިވެހިންގެ ތެރެއިން އަންނަ އިޖާދީ އައު ވިސްނުން ދިވެހި މާހައުލާއި ގުޅޭގޮތަށް ޕްރޮމޯޓު ކުރުން ކަމަށެވެ.

މުޣުނީ ވިދާޅުވީ މިއަހަރު ސްޓެލްކޯއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ކުންފުނީގެ ހިދުމަތް އެންމެ މިނަޓަކަށްވެސް ނުކެނޑި ގްރޭޓަރ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދެވުން ކަމަށެވެ. ހާއްސަކޮށް އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްތަކާއި ރޯދަ މަހާއި ދިމާވި އިރުވެސް ލޮކްޑައުންގައި ގޭގައި ބަންދުވެފައި ތިބި ގްޜޭޓަރ މާލޭގައި އުޅުއްވާ ބޭފުޅުންނަށް ހިދުމަތް ދިނުމުގައި އެންމެ މިނަޓަކަށްވެސް ފެއިލްވެފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހަމައެއާއެކުވެސް އެކިގޭގޭގައި ދިމާވި އެތެރޭގެ ވަޔަރިން މައްސަލަތައްވެސް ސްޓެލްކޯއިން ރަނގަޅުކޮށްދިނުމުގެ މަސައްކަތް ކުރުން. އަދި ހަމައެދުވަސްވަރު އެމަޖެންސީ މެޑިކަލް ފެސިލިޓީސް ގާއިމުކުރުމުގެ ތެރޭގައި ހިމެނޭ ކަރަންޓްގެ މަސައްކަތް ފުރިހަމަ ކޮށްދިނުމަށްވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވިފައި. ހަމައެއާއެކު އެންއޯއީސީ ގައި ސްޓެލްކޯގެ މުވައްޒަފުން ދިޔައީ އެތަން އުވާލުމާއި ހަމައަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަމުން،" މުޣުނީ ވިދާޅުވިއެވެ.

ފުރަބަނދުގެ ހާލަތު ނިމުނުއިރު ސްޓެލްކޯއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުރަބަންދުގެ ހާލަތު ނިމުނުއިރުސްޓެލްކޯގެ އެއްވެސް މުވައްޒަފަކަށް ވަނީ ކޮވިޑް ނުޖެހޭކަންވެސް މުޣުނީ ފާހަގަކުރެއްވިއެވެ.