30 Dec 2020, 22:42
މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގް ގައި ބޭއްވި ކައިވެނި ޕާޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 67އަށް އަރައިފި އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިއަދު އެ ކްލަސްޓާ އިން އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ޖުމްލަ 67 މީހަކު ވަނީ އެ ކްލަސްޓާއިން ޕޮޒިޓިވްވެފައެވެ.
ނަޒްލާ ވިދާޅުވީ، މިހާތަނަށް 229 މީހުން އެ ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 68 މީހުންނަކީ އަލާމާތްތަށް ފެންނަ މީހުން ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ކޮންޓެކްޓުންގެ ތެރޭގައި 71 ހައި ރިސްކް މީހުން ހިމެނޭ އިރު، މިހާތަނަށް ޖުމްލަ 262 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ޕާޓީ ކްލަސްޓާގެ ކޭސްތައް ދުވަހުން ދުވަހަށް:
ޑިސެމްބަރު 24 - 1 މީހުން
- ޑިސެމްބަރު 25 - 12 މީހުން
- ޑިސެމްބަރު 26 - 22 މީހުން
- ޑިސެމްބަރު 27 - 8 މީހުން
- ޑިސެމްބަރު 28 - 3 މީހުން
- ޑިސެމްބަރު 29 - 13 މީހުން
- ޑިސެމްބަރު 30 - 8 މީހުން
އެ ޕާޓީއަށް 120 ވަރަކަށް މީހުން ދިޔައިރު، ރޯގާގެ އަލާމާތް ހުރި މީހުން ވެސް ޕާޓީއަށް ދިޔަ ކަމަށް އެޗްއީއޯސީން ވަނީ މީގެކުރިން ބުނެފަ އެވެ.
މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޕާޓީ އަށް ދިޔަ މީހުންނާއި އެމީހުންގެ އާއިލާގެ މީހުންވެސް ހިމެނެއެވެ.
ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ދާ މީހުން މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންއާ އެއްގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.