މިއަދު ރާއްޖެއިން ކޮވިޑް19އަށް 47 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން 30 މީހުން ޕޮޒިޓިވްވީ މާލެއިންނެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 16 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 31 އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ނެގި 2،974 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުން 30 މީހަކާއި ރިސޯޓުތަކުން 15 މީހެކެވެ. އަދި އަތޮޅު ތެރެއިން ޕޮޒިޓިވްވި ދެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،738 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 16 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 13،125 އެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 558 އެވެ. އޭގެ ތެރެއިން 29 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 48 އެވެ.