ރާއްޖޭގައި މިވަގުތު ތިބި އިދިކޮޅު ފަރާތްތަކަކީ ހައްދު ފަހަނައަޅައިފައިވާ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުއަށް ދެއްކުމަށް މިސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ އާއި މިހާރު މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ މުޖުތަމައުއަށް ފޯރުކޮށްދިނުމަށް އެ ޕާޓީން ކުރި އެއް ހަފްތާގެ ދަތުރާ ގުޅޭ ގޮތުން އެ ޕާޓީގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު ) ވިދާޅުވީ ސަރުކާރުން ބޭރުގެ އެމްބަސީތަކާއި މިޝަންތަކަށް ދީފައިވާ މައުލޫމާތުތަކަކީ އިދިކޮޅު ފަރާތްތަކަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ސިފަކުރައްވައި ދެއްވާފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

"ފޮރިން މިނިސްޓްރީން ދެއްކި ވާހަކަ އާ މެދު އަޅުގަނޑުމެން ކަންބޮޑުވުން ފާޅުކުރަން ސަރުކާރާ ދެކޮޅު ހުރިހާ ފަރާތްތަކަކީ ހައްދު ފަހަނައަޅާއިފައިވާ ބައެއްކަން ދައްކަން މަސައްކަތް ކުރައްވާފައި ވަނީ މުޒާހަރާ ވެސް ކުރަނީ މުޅިންވެސް ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ބައެއްކަމަށް ބުނެފައިވޭ. އިދިކޮޅު ސިޔާސީ ލީޑަރުން ނަކީ ވެސް ދީނީ އެއްބައިވަންތަކަން ގެއްލުވާލާ ޓެރެރިޒަމަށް މަސައްކަތްކުރާ ބައެއް ކަން ދެއްކުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވަނީ،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންގެންދާ ގާނޫނާ ހިލާފުކަންތައް ބޭރުގެ ފަރާތްތަކަށް އަންގައިދިނުމުގެ ގޮތުން ކުރި މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ބާރުއެޅުއްވީ ގާނޫނު އަސާސީއާ ގާނޫނުތަކަށް ސަރުކާރުން ބޯނުލަބައި ގާނޫނުގެ ބާރު ކަނޑުވާލަން މިހާރު ސަރުކާރުން ކުރަމުން ގެންދާ ކަންކަމުގެ މައުލޫމާތު ބައިނަލްއަގުވާމީ މުޖުތަމައު އަށް ސާފުކޮށްދެއްވުމުގެ އިތުރުން ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ކުރަށްވާފައިވާ ގާނޫނާއި ހިލާފް ކަންކަމުގެ މައުލޫމާތުހިމެނޭ "ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމަށް ކުރާ މަސައްކަތް މަގުން ކައްސާލުން" މިނަމުގައި 24 ސަފުހާގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް އެކިގައުމުތަކުގެ ސަފީރުންނަށް ދެއްވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތްތަކުގެ ނަތީޖާ އެބަފެނޭ ކެނެޑާ ސަރުކާރުން ނެރުނު ސްޓޭޓްމެންޓް ފާހަގަކުރެވޭ. ކެނެޑާގެ ސަފީރުގެ ގެކޮޅުގައި އީޔޫގެ އެމްބެސަޑަރާއި އެމެރިކާ އަދި އެހެނިހެން ގައުމުތަކުގެ ސަފީރުންނާ އެކު ބައްދަލުކުރިން އެ މައުލޫމާތު އަޅުގަނޑުމެން ދިނިން،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ހެޔޮއެދިވަޑައިގަންނަވާ ބޭރުގެ ފަރާތްތަކުން އެމަނިކުފާނު ގާނުނުތަކާއި ގާނޫނު އަސާސީ އަށް ހުރުމަތް ތެރިކޮށް ހިތްތަވަމުން ނުގެންދަވާތީ މިހާރު އެފަދަ ބޭފުޅުން ބައްލަވަމުން ގެންދަވަނީ ރައީސް ނަޝީދާ މެދު ޝައްކުގެ ނަޒަރަކުން ކަމަށާއި ގާނޫނު އަސާސީ އާއި ހިލާފަށް އަމަލް ކުރައްވަނީ ނަމަ ހުޅަނގުގެ ތާއީދު ނުލިބޭނެ ކަމަށް ސަފީރުން ވިދާޅުވާކަމަށް މުންދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރި ދަތުރާ ގުޅިގެން އަޅުގަނޑު ދޭ މައުލޫމާތު ދޮގުކުރުމަށް މަސައްކަތްކުރިކަން ވެސް ފާހަގަކުރަން އަޅުގަނޑު ދިޔަ ފްލައިޓުން ކޮޅުބަށް ސްޕެޝަލް އެން ވޯއީ އިބްރާހިމް ހުސެއިންޒަކީގެ ވަޑައިގެންނެވި. އޭގެ ދެ ދުވަހެއް ފަހުން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވެސް ވަޑައިގެން ނެވި. އަދި ހާރިޖީ ވަޒީރު އަހުމަދު ނަސީމް ވެސް ވެސް ވަޑައިގެން މަސައްކަތް ކުރި ސަލާމަތްވާން"

އޭނާ އިތުރަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު މިނިވަން ކުރެއްވުމަށް ބޭރުގެ ސަފީރުން ސަރުކާރަށް ގޮވާލި ކަމަށާއި ރާއްޖޭގެ މަޝްރަހު ދިރާސާކުރުމަށް ބައިނަލްއަގުވާމީ އެކިއެކި ޖަމިއްޔާތަކުންނާއި އެކި ގައުމުތަކުގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ