30 Dec 2020, 17:26
ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ދަރިފުޅަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި މައްސަލައިގައި ދެ މީހަކަށް ދައުވާ އުފުލައިފި އެވެ.
އެ މައްސަލާގައި ދައުވާ އުފުލީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާއީލް ވަހީދު، އާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ.
އިސްމާއީލް ވަހީދަކީ އަނިޔާ ލިބުނު އެ އަންހެން މީހާގެ ފިރިމީހާއެވެ. އަދި މުހައްމަދު އަސީލްއަކީ ރުގްޔާ ކުރަން އޭނާ ގެނައި މީހާއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މިދިޔަ ޖޫން 22 އިން ފެށިގެން އޮކްޓޯބަރު 30އާ ދެމެދު އެކި ދުވަސް މަތިން އިސްމާއިލް ވަހީދުގެ އަނބިދަރިންނަށް ޖިންސްމާނީ ހާނިކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފެހެއްޓި ކަމަށެވެ. އަދި މުހައްމަދު އަސީލް ރުޤްޔާ ކުރުމޭ ކިޔައިގެން، އިސްމާއީލް ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި ކަމަށެވެ. އަދި، އެކަން އިސްމާއިލް ވަހީދަށް އެނގިހުރެ ސިއްރުކުރި ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެކަމާ ގުޅިގެން އިސްމާއިލް ވަހީދުގެ މައްޗަށް ފަސް ދައުވާ ވަނީ އުފުލާފަ އެވެ.
އެ ފަސް ދައުވާ އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މުހައްމަދު އަސީލުގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.
އިސްމާއީލް ވަހީދުގެ މައްޗަށް ކުރާ ދައުވާތައް:
ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ ( އާސާސީ މިންގަނޑު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް)
- މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ ( ތިން އަހަރުގެ ޖަލު ހުކުމް)
- ގައިގާ އަތްލުމުގެ ކުށުގެ ދައުވާ ( އާސާސީ މިންގަނޑު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް)
- ގައިގާ އަތްލުމުގެ ކުށުގެ ދައުވާ ( އާސާސީ މިންގަނޑު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް)
- ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާ (ތިން އަހަރުގެ ޖަލު ހުކުމް)
މުޙައްމަދު އަސީލްގެ މައްޗަށް ކުރާ ދައުވާ
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ (10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން)
- ގައިގާ އަތްލުމުގެ ކުށުގެ ދައުވާ ( އާސާސީ މިންގަނޑު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް)
- އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ (އަސާސީ މިންގަނޑު: 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމް)
- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ (ތިން އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމް)
- ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ ( އާސާސީ މިންގަނޑު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް)
- ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ (ތިން އަހަރުގެ ޖަލު ހުކުމެއް)
- ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ (ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމް)
ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަށް އޭނާގެ ފިރިމީހާއާއި ރުގްޔާ ކުރާ މީހާ އަނިޔާ ކުރީ، އަންހެން މީހާއަށް ޖިންނިއެއް އަވަލާފައިވާ ކަމަށް ބުނެ، އަވަލާފައިވާ ޖިންނިއަކަށް ހަމަލާ ދިނުމުގެ ނަމުގަ އެވެ.