30 Dec 2020, 16:51
އެއްފަަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ޕްލާސްޓިކްގެ 12 ބާވަތެއް ކަނޑައަޅައި އާންމުކޮށްފިއެވެ.
އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގެނައި އެ އިސްލާހާ އެކު އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އާންމު ކުރައްވާ ލިސްޓެއްގައި ހިމެނޭ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން މިއަދު ވަނީ އެ ތަކެތި އާންމުކޮށްފައެވެ.
2021 ވަނަ އަހަރުގެ ޖޫން އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި:
ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާ ތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް (ފުޅިމަދު) ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ކޮފީ ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި
- 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ހުރިހާ ދިޔާ ތަކެތި (ފެނާއި ލުއިބުއިން ހިމެނޭ ގޮތަށް)
މީގެއިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު އަދި 50 މިލިލީޓަރާއި 200 މިލިލީޓަރާ ދެމެދުގެ ޝޭމްޕޫ އަދި ސައިބޯނި ފުޅި ރާއްޖެ އެތެރެކުރުން މަނާވާނެއެވެ.
ޑިސެމްބަރު 2023 އިން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕެޓް ފުޅީފައި ބަންދުކޮށްފައި ހުންނަ ފެން ވެސް ރާއްޖެ އެތެެކުރުން މަނާވާނެއެވެ.
"ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، އަންނަނިވި 12 ބާވަތުގެ ތަކެއްޗަކީ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ގޮތުގައި ކަނޑައަޅައި، އަންނަނިވި ތާރީހު ތަކުން ފެށިގެން މި ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއް ކަމުގައި އަހުރެން ކަނޑައަޅައިފީމެވެ." ރައީސްގެ ގަރާރުގައި ވެއެވެ.