ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މަސްތުވާތަކެތީގެ މައްސަލައެއްގެ ޝަރީއަތުގެ މަޖިލީހެއްގައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލަކު ދެކެ ލޯބިވާ ކަމަށް ބުނި މީހަކު މައާފަށް އެދެން ޖެހިއްޖެ އެވެ.

މި ހަފްތާގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުވާ ލިބޭ މީހަކު ވަނީ ދައުލަތުގެ އަންހެން ވަކީލަކު ދެކެ ލޯބިވާ ކަމަށް ބުނެފަ އެވެ. އޭނާ އެހެން ބުނުމުން ގާޒީ ވަނީ އެ މައްސަލަ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފަ އެވެ.

މިކަން ހިނގިކަން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި ބުނެގެން ނުވާނެ ފަދަ އެއްޗެއް މީހަކު ބުނުމުން މައްސަލަ މެދުކަނޑާލައި އޭނާ ކޯޓަށް ހުރުމަތް ކެނޑުމުގެ މައްސަލައެއް ބަލާފައިވެ އެވެ.

އެ މީހާ އެކަމަށް މައާފަށް އެދުމުން އެކަމާ ގުޅިގެން އޭނާއަށް އެއްވެސް އަދަބެއް ދީފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ކަމެއް ކޮށްފި ނަމަ އެއީ ވަގުތުން އަދަބު ކަނޑައެޅިދާނެ ކަމެކެވެ. ކޮންމެ އަޑުއެހުމެއް ފެށުމުގެ ކުރިން އެ ވާހަކަ ކޯޓު އޮފިސަރުން މައުލޫމާތަށް ޓަކައި ބުނެ އެވެ.

ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކޮށްފި ނަމަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ، ގިނަވެގެން އެއް މަހަށް ގޭ ބަންދު ކުރުން، ނުވަތަ 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބެއް ދެވިދާނެ އެވެ.