30 Dec 2020, 13:34
ވޮޝިންޓަން (ޑިސެމްބަރު 30): އެމެރިކާގެ ކޮންގްރެސްގެ ތިރީގެޔަށް އަލަށް އިންތިހާބުވި ރިޕަބްލިކަން ޕާޓީގެ މެމްބަރެއް ކަމަށްވާ ލޫކް ލެޓްލޯ ކޮވިޑް-19 ޖެހިގެން އަވަހާރަވެއްޖެ އެވެ.
އުމުރުން 41 އަހަރުގެ ލެޓްލޯ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އިއުލާން ކުރެއްވީ މި މަހުގެ 18އިގަ އެވެ. އަދި ޖެހިގެން އައި ދުވަހު އޭނާ ހޮސްޕިޓަލުގައި އެޑްމިޓު ކުރި އެވެ. އެއަށް ފަހު އޭނާގެ ހާލު ސީރިއަސްވުމުން މިދިޔަ ބުދަ ދުވަހު އައިސީޔޫއަށް ބަދަލު ކުރި އެވެ.
ލެޓްލޯ އަވަހާރަވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެމެރިކާގެ ލުއިޒިއާނާގެ މެމްބަރަކަށް ލެޓްލޯ އިންތިހާބުވީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ޕްރައިމަރީއަކާއި މި މަހުގެ ފަހެއްގައި ބޭއްވި ދެވަނަ ރައުންޑުގެ ވޯޓަކަށް ފަހުގަ އެވެ. އަދި އޭނާ މެމްބަރު ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި އޮތީ އަންނަ އާދިއްތަ ދުވަހު އެވެ.
ލެޓްލޯއަކީ ކޮވިޑް ޖެހިގެން އެމެރިކާގެ ކޮންގްރެސްއިން އަވަހާރަވި ފުރަތަމަ ބޭފުޅާ އެވެ. އޭނާގެ އަނތްބަކާއި ދެ ދަރިން ތިއްބަވަ އެވެ.