30 Dec 2020, 09:23
ވޮޝިންޓަން (ޑިސެމްބަރު 30):އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާ ތަކާއި ލާއިންސާނީ ޖަރީމާތަށް ހުއްޓުވުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި ފަލަސްތީނަށް އެހީވެ ގުޅުންތައް ގާއިމް ކުރުމަށް އެމެރިކާގެ ނަސާރާ ފައްޅިތަކާއި ދީނީ މުއައްސަސާތައް ހިމެނޭގޮތަށް 17 ފަރާތަކުން އެމެރިކާގެ ރައީސުލް މުންތަޚަބު ޖޯ ބައިޑެން އަށް ދަންނަވައިފިއެވެ.
ދީނީ މި ފަރާތްތަކުގެ ތެރޭގައި އިސްލާމީ މުއައްސަސާތަކާއި ނަސާރާއިންނާއި ޔަހޫދީންގެ މެދުމިނުގެ ފިކުރުގެ ދީނީ މުއައްސަސާތައް ހިމެނެއެވެ. މި 17 ފަރާތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ބައިޑެން އަށް އިލްތިމާސް ކޮށްފައިވަނީ އޭނާއަށް ފޮނުވި ގުޅިފައިވާ ސިޓީ އެއް ގައެވެ. މި ސިޓީގައި އިސްރާއީލުން ހިންގާ ޖަރީމާތައް އެމެރިކާއިން ކުށްވެރި ނުކުރުމާއި އިސްރާއީލުގެ ހަރުކަށި އަމަލުތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމަކީ އަނިޔާވެރިކަމާއި އިސްތިއުމާރު ކުރިޔަށްނެރުމަށް އިސްރާއީލަށް ހިއްވަރު ލިބިގެންދާ ކަމެއްކަމަށް ސިފަކޮށްފައިވެއެވެ.
މިސިޓީގައި ދީނީ މި 17 މުއައްސަސާއިން ބައިޑެން އަށް ގޮވާލާފައިވަނީ އިސްރާއީލާއި ޔަހޫދީން ވަކިކުރުމަށެވެ. މިގޮތުން އިސްރާއީލުން ހިންގާ ޓެރިޒަމްގެ އަމަލުތަކާއި ޖަރީމާތަށް ކުށްވެރި ކުރުމުގެ މާނައަކީ ޔަހޫދީންނާ ޖައްސާލުން ނޫނީ އެއީ ޔަހޫދީން ކުށްވެރިކުރުން ކަމަށް ނުދެކުމަށްވެސް ބައިޑެން އަށް އިލްތިމާސް ކޮށްފައިވެއެވެ.

އިސްރާއީލުގެ އިސްތިއްމާރީ ސިފައިން ފަލަސްތީނުގެ ރައްޔިތަކު ހައްޔަރުކުރަނީ
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި އިސްރާއީލުގެ އަނިޔާވެރިކަން ދިފާއުކުރާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ބާރާއި ނުފޫޒު ގަދަކަމުން އިސްރާއީލު ކުށްވެރި ކުރުމަކީ ހުރިހާ ޔަހޫދީންނާ ޖައްސާލުމާއި ޔަހޫދީންނަށް ނަފްރަތު ކުރުމުގެ ނުބައި އަމަލެއްގެ ގޮތުގައި ގެންދަނީ ސިފަކުރަމުންނެވެ. މިގޮތަށް ސިފަކުރާތީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކުރަން އެމެރިކާއާއި ޔޫރަޕްގެ މަސްއޫލުވެރިން ވަރަށް ބޮޑަށް ފަސްޖެހިވަޑައިގަންނަވައެވެ.
އިސްރާއީލަކީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެންއުޅޭ އިސްތިއުމާރީ ފިކުރު ގެ ގައުމެކެވެ. ޔަހޫދީ ޒަޔަނިސްޓުން މި ގައުމު ފަލަސްތީނުގެ ބިމުގައި އުފެއްދީ އެމެރިކާއާއި ޔޫރަޕްގެ އެހީގައި 1948 ގައެވެ. އެއަށްފަހު 1976 ގައި އިސްރާއީލުވަނީ ފަލަސްތީނުގެ އެހެން ދެ ބިމެއްކަމަށްވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ސޫރިޔާގެ ގޯލާންގެ ބިންތައްވެސް އިސްތިއުމާރީ އުސޫލުން ހިފައި އެބިންތަކަށް ގަދަބާރުން ވެރިވެގެންފައެވެ. އަދި އިސްރާއީލު ގެންދަނީ ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
އެމެރިކާގެ ނަސާރާ ފައްޅިތަކާއި ދީނީ މުއައްސަސާތައް ހިމެނޭގޮތަށް 17 ފަރާތަކުން ޖޯ ބައިޑެން އަށް ފޮނުއްވި ސިޓީގައި ފަލަސްތީނުގެ ބިން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި ދިނުމަށް މަސައްކަތް ކޮށްދިނުމަށާއި ފަލަސްތީނުގެ ހައްގުތަކަށް އެމެރިކާ އިއުތިރާފް ވުމަށްވެސް ގޮވާލާފައިވެއެވެ.
މީގެއިތުރުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ފަލަސްތީނާ ދެކޮޅަށް އެމެރިކާ އެޅި ހަރުކަށި ފިޔަވަޅުތައް އުވާލައި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީޥާ އދ. ގެ އެޖެންސީ ކަމަށްވާ "ޔުނެރުވާ" ޖަމާއަތަށް ކުރިން އެމެރިކާ ދެމުން ގެންދިޔަ މާލީ އަދި ފަންނީ އެހީތައް ދޭން އަލުން ފެށުމަށްވެސް ގޮވާލާފައިވެއެވެ. އަދި އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިމުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް އެބިމުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އިސްރާއީލުން ހިންގާ ޣައިރު ގާނޫނީ އަދި އިސްތިއްމާރީ މަޝްރޫއުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެސިޓީގައި ބައިޑެން އަށް ގޮވާލާފައިވެއެވެ. (އަލްޖަޒީރާ)