30 Dec 2020, 08:22
ބޮލީވުޑްގެ "އޭ ލިސްޓު" ތަރިންގެ ތެރޭ ހިމެނޭ ކުޅަދާނަ ބަތަލު އަކްޝޭ ކުމާރު ފިލްމު ކުޅެދޭ އަގުބޮޑުކޮށްފިއެވެ.
މީގެ ފަހުން އަކްޝޭ ފިލްމެއް ކުޅެދޭނީ 13.5 މިލިއަން ޑޮލަރަށެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން އޭނާ ފިލްމެއް ކުޅެދޭނީ 18.4 މިލިއަން ޑޮލަރަށް ކަމަށް ޚަބަރުތައް ބުނެއެވެ. މިވަގުތު ބޮލީވުޑްގައި އެންމެ ބިޒީ އެއް އެކްޓަރު އަކްޝޭ އަންނަނީ ފުލުފުލުގައި ގިނަ ފިލްމުތަކަކަށް ސޮއިކުރަމުންނެވެ. އަދި ފިލްމަކަށްފަހު ފިލްމެއްގެ ޝޫޓިންގެ މަސައްކަތް އަކްޝޭ އަންނަނީ ކުރަމުންނެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރު އަކްޝޭ އެންމެ ފަހުން ފެނިގެންދިޔައީ ކިއާރާ އަދުވާނީ އާއެކު "ލަކްޝްމީ" އިންނެވެ.
އޭނާގެ ރިލީޒްނުކުރާ ގިނަ ފިލްމުތަކެއް އަދިވެސް ކުރިއަށް އެބައޮތެވެ. އޭގެ ތެރޭގައި "ބެލް ބޮޓަމް"، "ޕްރިތުވީރާޖް"، "އަތުރަންގީ ރޭ"، "ރަކްޝާބަންދަން" އަދި "ބައްޗަން ޕާންޑޭ" ފަދަ ވަރުގަދަ ފިލްމުތައް ހިމެނެއެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރު ރިލީޒްކުރާ "ސޫރިޔަވަންޝީ" އިންނެވެ. އެ ފިލްމުގައި އަކްޝޭ އާއެކު އަޖޭ ދޭވްގަން އަދި ރަންވީރު ސިންހް ވެސް ހަރަކާތްތެރިވާނެއެވެ.