30 Dec 2020, 09:20
މިއީ ހަމަ އަސްލުވެސް ތެދެކެވެ! މި މަހުގެ 10 ވަނަ ދުވަހު، އޮންލައިންކޮށް ޕަބްލިޝް ކުރެވުނު އަދި މި އަންނަ އަހަރުގެ ފެބްރުއަރީގައި އެމެރިކަން ޖޯނަލް އޮޕް ޕްރިވެންޓިވް މެޑިސިންގައި ޝާއިރުކުރަން ތާވަލުކުރެވިފައިވާ ސޯޝަލް މީޑީއާއާއި ޑިޕްރެޝަންއާއި ގުޅޭ ދިރާސާއަކުން މިވަނީ މާ ގިނައިން ސޯޝަލް މީޑީއާ ބޭނުންކުރާނަމަ ޑިޕްރެޝަންއަށް މީހާ ގެންދާކަން ކަށަވަރު ކޮށްދީފައެވެ.
ދުވާލު ހަތަރުދަމު، ހޭލުމުން ފެށިގޮސް މެންދަމު ނިދުމާއި ހަމައަަށް ފޯނުގައި ކޮންމެވެސް މީހެއްގެ ޕްރޮފައިލްއެއް ހާވާލަން، ސްޓޭޓަސް އެއް އަޕްޑޭޓްކޮށް ނޫނީ ކޮންމެވެސް މީހެއް 'ސްޓޯކް' ކުރުމުގައި ވަގުތުތައް ދުއްވާލާ ޒުވާނުންނަށް މިއީ ސީރިއަސް އަދި ބިރުވެރި ވާހަކައަކަށް ނޫނީ ނުވެނުދާނެ އެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް އާކެންސޯ ގެ ޕްރޮފެސަރު އަދި ކޮލެޖް އޮފް އެޑިއުކޭޝަން އެންޑް ހެލްތް ޕްރޮފެޝަނަލްސް ގެ ޑީން ޑރ.ބްރައަން ޕްރިމެކް އިސްވެ ތައްޔާރުކުރި މި ދިރާސާއިން ދައްކާގޮތުން ދުވާލަކަށް 120 މިނިޓު ސޯޝަލް މީޑިއާގައި ހޭދަކުރާ ޒުވާނުންނާއި އަޅާބަލާއިރު، ދުވާލަކަށް 300 މިނިޓު ސޯޝަލް މީޑީއާތަކުގައި ހޭދަކުރި ޒުވާނުން ހަމަސް ދުވަސްތެރޭގައި ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު ބޮޑުތަނުން އިތުރެވެ.
މީގެކުރިންވެސް މި މައުޟޫއަށް މަސައްކަތްތަކެއް ކުރެވިފައިވިޔަސް، މި ދެކަމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ސާފުނުވެފައެވެ. އެހެންކަމުން ބަހުސަކަށްވެފައިވަނީ ސޯޝަލް މީޑިއާގެ ސަބަބުން ޑިޕްރެޝަނަށް މަގުފަހި ކުރުވަނީތޯ ނުވަތަ ޑިޕްރެޝަންގެ ސަބަބުން ގިނަވަގުތު ސޯޝަލް މީޑިއާގައި ހޭދަކުރެވެނީތޯއެވެ.
މި ދިރާސާ އަކީ އަހަރުތަކަކަށް ދިގު ދެމިގެންދިޔަ ދިރާސާއެކެވެ. މިގޮތުން 2018 ވަނަ އަހަރު ޕްރިމެކްއާއި އޭނާގެ ބައިވެރިންވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގައި 1000 އަށްވުރެ ގިނަ ކުދިން މީގައި ބައިވެރިކޮށްފައެވެ. އުމުރާއި، ޖިންސް، ނިސްބަތްވާ ގައުމާއި، ތައުލީމާއި، އާމްދަނީ އަދި ބަރުދަންވެސް އެއްގޮތްކޮށް ބައިވެރިންގެ މެދުގައި ބެހެއްޓިއިރު، ތަފާތަކަށްވީ ދުވަހެއްގެ މައްޗަށް ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތެވެ.
ދިރާސާ ހެދުމުގައި ބައިވެރިވި، ޔުނިވާސިޓީ އޮފް ޕިޓްސްބާގްގެ އެސިސްޓަން ޕްރޮފެސަރެއްކަމުގައިވާ ޑރ.ސީޒާ އެސްކޯބާ ވިދާޅުވި ގޮތުގައި މި ނަތީޖާ މިހެން ދިމާވުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި ބެެލެވެނީ ސޯޝަލް މީޑީއާއަކީ އޭގެ އަވައިގައި ޖެހި އެތަށް ވަގުތެއް ގެއްލިދާ އެއްޗަކަށްވުމެވެ. މިހެން ވަގުތުތައް ނަގާލެވުމުން ތިމާގެ އަމިއްލަ ނަފްސަށް ހާސިލްވާ މިންވަރު ދެނެނުގަނެވި، މީހުންނާއި މި އޮންނަ އާންމު ގުޅުންތައް އުފައްދާ ދެމެހެއްޓުމަށް އުނދަގޫ ވެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ސޯޝަލް މީޑިއާގެ ސަަބަބުން އަންނަ އަޅާކިޔުމެވެ. ސޯޝަލް މީޑިއާގައި ފެންނަނީ މުޅީންވެސް އެންމެ ފުރިހަމަ 'ޕާރފެކްޓް' އަދި އެންމެންވެސް އެމީހެއްގެ ދިރިއުޅުމުން ދައްކަން ބޭނުންވާ ބައެއް ކަމުގައިވާއިރު، މިއީ ހަގީގީ ދިރިއުޅުމުގެ ކުޑަ މިންވަފެކެވެ. ނަތީޖާއެއްގެ ގޮތުން ހެދިބޮޑުވެ ޒުވާންވަމުން އަންނަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ދިމާވެއެވެ.
މުޅި ދުނިޔޭގައިވެސް ޑިޕްރެޝަންގެ މައްސަލަ ދިމާވެފައިވާ އެކި އުމުރުތަކުގައި 264 މިލިއަން މީހުން މިވަގުތުވެސް ތިބިއިރު މިފަދަ ދިރާސާއެއް ޝާއިރުކުރެވިގެން މި ދިޔައީ، ޑިޕްރެޝަންއަކީ ނުކުޅެދުންތެރިކަމަށް މަގުފަހިކުރުވާ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިންވެސް ދާދިފަހުން އިއުލާނުކޮށްފައި ވަނިކޮށެވެ.
އަދި ހާޢްސަކޮށް ކޮވިޑް19 އާއި ގުޅިގެން އެކަކު އަނެކަކަށް ބައްދަލުވުމުގެ ބަދަލުގައި ސޯޝަލް މީޑިއާގެ ބޭނުން ގިނަބަޔަކު ހިފަމުން އަންނަ މި ދުވަސްވަރު މިއީ ކޮންމެހެންވެސް ވިސްނާލުން މުހިންމު ކަމެއްގެ ގޮތުގައި ޑރ.ޕްރިމެކް ވަނީ ފާހަގަކޮށްފައެވެ.