މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގް ގައި ބޭއްވި ކައިވެނި ޕާޓީއާ ގުޅުން ހުރި އިތުރު 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު އެ ކްލަސްޓާ އިން 62 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވިއެވެ.

ކައިވެނި ޕާޓީ ކްލަސްޓާގެ ފުރަތަމަ ކޭސް ދެނެގަނެވިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ޕޮޒިޓިވް މީހުންގެ ތެރޭގައި ހައި ރިސްކު މީހުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

އެ ޕާޓީއަށް 120 ވަރަކަށް މީހުން ދިޔައިރު، ރޯގާގެ އަލާމާތް ހުރި މީހުން ވެސް ޕާޓީއަށް ދިޔަ ކަމަށް އެޗްއީއޯސީން ވަނީ މީގެކުރިން ބުނެފަ އެވެ.

އެ ހަފްލާގައި ބައިވެރިވި އެންމެން ކަރަންޓީނުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޕާޓީ އަށް ދިޔަ މީހުންނާއި އެމީހުންގެ އާއިލާގެ މީހުންވެސް ހިމެނެއެވެ.

ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއޭއިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެޗްޕީއޭއިން ނުގުޅިޔަސް އަމިއްލައަށް ގޭގައި އެކަހެރިވެ ތިބުމަށް ވެސް އެޗްޕީއޭއިން އެދުނެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ދާ މީހުން މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންއާ އެއްގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.