26 Jan 2012, 16:40
މޮސްކޯ (ޖަނަވަރީ 26) : ރަޝިޔާގެ ރިޔާސީ ރޭހަށް އެގައުމުގެ ބިލިޔަނަރެއް ކަމަށްވާ މިހައިލް ބްރުކްރޯވް ވަދެވަޑައިގެންފި އެވެ.
އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަޝިޔާގެ ރިޔާސީ ރޭހަށް ވަދެވަޑައިގަތުމަށްޓަކައި ބުރުކްރޯވް މިއަދު ވަނީ ރަޝިޔާގެ އިންތިހާބުތަކާބެހޭ މަރުކަޒީ ކޮމިޓީގައި ރަޖިސްޓްރީ ކުރައްވާފަ އެވެ. ބުރްކްރޯވް އަކީ މިރޭހުގައި ބައިވެރިވެވަޑައިގަންނަވާނެކަން ކުރިން ހީނުކުރެވިފައިވާ ބޭފުޅެކެވެ.
އޭނާ ރިޔާސީ ރޭހަށް ވަދެވަޑައިގެންފައި މިވަނީ ރަޝިޔާގެ އެންމެ ނުފޫޒު ގަދަ ލީޑަރު ކަމަށް ބެލެވިފައިވާ އެގައުމުގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑު ވަޒީރު ވްލަޑިމޭރު ޕޫޓިން އާ އިދިކޮޅު ސިޔާސީ ލީޑަރަކު، ރިޔާސީ ރޭހަށް ވަދެވަޑައިގަތުމަށް އިންތިހާބުތަކާބެހޭ މަރުކަޒީ ކޮމިޓީން ހުރަސްއަޅާފައި ވަނިކޮށެވެ. ބްރުކްރޯވް ރިޔާސީ ރޭހަށް ވަދެވަޑައިގަތީ ސަރުކާރުގެ އަތެއް އޮވެގެން ކަމަށް ރަޝިޔާގެ ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ މިކަން ދޮގުކުރައްވާފަ އެވެ.
ރަޝިޔާގެ ރިޔާސީ ރޭހުގައި ބައިވެރިވުމުގެ ފުރްސަތު މައިގަނޑު ގޮތެއްގައި އޮންނަނީ ޕާލަމެންޓްގައި ތަމްސީލްކުރާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށެވެ. ނަމަވެސް ދެމިލިޔަން މީހުންގެ ސޮޔާއެކު ހުށަހެޅުމުން ޕާލަމެންޓްގައި ތަމްސީލް ނުކުރާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށާއި ވަކި ފަރުދުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކަށް ވެސް ރިޔާސީ ރޭހުގައި ރަޖިސްޓްރީ ކުރުމުގެ ފުރްސަތު ރަޝިޔާގެ އިންތިހާބުތަކާ ބެހޭ ގާނޫނުން ލިބިދެ އެވެ.
ރަޝިޔާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭ މިންވަރަށް ޕޫޓިންގެ ތާއީދު އަދިވެސް އެބައޮތް ކަމަށް ހިޔާލު ހޯދުމުގެ ގިނަ ވޯޓުތަކުންނާއި ސާވޭތަކުން ހާމަވެ އެވެ. ނަމަވެސް ކުރިއާއަޅާބަލާއިރު ޕޫޓިންގެ މަގުބޫލުކަން ރަޝިޔާގައި ދަށަށްދާކަން ހިޔާލު ހޯދުމުގެ ވޯޓުތަކުން ހާމަވެ އެވެ. (ނޫސްއެޖެންސީތައް)