މާލެ-ހުޅުމާލެ ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މާލެ އިން ހުޅުމާލެއަށް ދާން އޮންނަ ދެ ލޭން ހައިވޭ (އެމްއެންޑީއެފް ޕޯސްޓާ ހިސާބު) ގައި އެމްބިޔުލަންސް އަކާ ޕިކަޕެއް ޖެހި އެކްސިޑެންޓެއް ވެެފައިވާ ކަމަށެވެ.

އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ މިރޭ 8:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ އެމްބިޔުލަންސް އެއްގައި ޕިކަޕު ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންތުގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށާއި ނަމަވެސް ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓު ހިނގި ސަރަހައްދާ 200 ވަރަކަށް ފޫޓު ދުރުން، އެއްކޮޅަށް ދުއްވާފައި ދިޔަ ތިން ކާރާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައިވެސް ހަތަރު އުޅަނދަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައިވެސް އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.

ފުލުހުން ބުނީ ދެ އެކްސިޑެންތުގައި ހިމެނޭ އުޅަނދުތައް ދުއްވަން ތިބީ، އެ އުޅަނދެއް ހިމެނޭ ކެޓަގަރީގެ ލައިސެންސް އޮންނަ މީހުން ކަމަށެވެ.

މި ދެ އެކްސިޑެންޓުވެސް ފުލުހުންގެ ޓްރެފިކް މެނޭޖުމެންޓު ޑިޕާޓުމެންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.