ރޯޔަލް އައިލެންޑް ރިސޯޓުގެ ބޭނުމަށް ބ. ދިގުފަރުން ގަވަައިދާ ހިލާފަށް ވެލި ނެގުމުން އެ ރިސޯޓު ހިންގާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް 83،750 ރުފިޔާއިން ޖޫރިމާނާކޮށްފި އެވެ.

އީޕީއޭއިން ބުނީ، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިޒޯޓުން ބ. ދިގުފަރުން ގަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ވެލި ނަގާފައިވާތީ އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ވެލި ނެގުމުގެ މަސައްކަތް ހުއްޓުމަށް އެންގުމުންވެސް މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.

ވިލާ ކުންފުނި ޖޫރިމަނާ ކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތްކޮށް ޖުމްލަ 83,750 ރުފިޔާއިންނެވެ.

އިއްޔެ ކުރި އެ ޖޫރިމަނާއަށް ދައްކަން ޖެހޭ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ ކުންފުންޏަށް ވަނީ އަންގައިފަ އެވެ.

ރަށްތަކާ ބެހޭ މައުލޫމާތު ހިމެނޭ ސަރުކާރުގެ "އައިލްސް" ވެބްސައިޓުން ދައްކާ ގޮތުގައި ދިގުފަރަކީ، ރޯޔަލް އައިލެންޑް ރިސޯޓު ހިންގާ ބ. ހޮރުބަދޫއާއެކު ރިސޯޓު ތަރައްގީ ކުރުމަށް 50 އަހަރަށް އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަށް ލީސްކޮށްފައިވާ ރަށެކެވެ.