މޮސްކޯ (ޖަނަވަރީ 26) : ރަޝިޔާއިން ނިއުކްލިޔާ ސަބްމެރިން އެއް އިންޑިޔާ އާ މިއަދު ހަވާލުކޮށްފި އެވެ.

މިސަބްމެރިން ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރަޝިޔާގެ ވްލަދިވެސްތޮކް ނޭވީ ބަނދަރުގަ އެވެ. މިއީ މޮސްކޯގެ އިރުން 6400 ކިލޯމީޓަރު ދުރުގައިވާ ބަނދަނރެކެވެ. މިސަބްމެރިން އިންޑިޔާއަށް ގެނައުމުގެ ދަތުރު މިއަދު ފަށާނެ އެވެ. ސަބްމެރިން އިންޑިޔާއަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ ހަފްތާގެ ފަހުކޮޅުގައި ކަމަށް އިންޑިޔާގެ ނޭވީ ބުނެ އެވެ.

ރަޝިޔާއިން އުފައްދާ އައި.އެން.އެސް.އެސް.ޝާކްރާ މަރުކާގެ މިސަބްމެރިންއަކީ ކަނޑުއަޑިން ނިއުކްލިޔާ މިސައިލާއި ރޮކެޓް ފޮނުވާލުމުގެ ގާބިލްކަން ލިބިފައިވާ، ހަމަލާދޭ ވައްތަރުގެ ނިއުކްލިޔާ ސްޓްރެޓީޖިކް ސަބްމެރިންއެކެވެ. އިންޑިޔާގެ އޯޑަރަށް މިސަބްމެރިން ބަނދެ، ކުރަންޖެހޭ ޓެސްޓްތައްކޮށް އިންޑިޔާ ހަވާލުކުރުމަށް 7 އަހަރުގެ މުއްދަތެއް ހޭދަވި ކަމަށް ރަޝިޔާގެ ހަތިޔާރުގެ އިންޑަސްޓްރީއާ ހަވާލާދީ އިންޓާ ފެކްސް ނޫސްއެޖެންސީ ބުނެ އެވެ.

އިންޑިޔާއަކީ ނިއުކްލިޔާ މިސައިލާއި ރޮކެޓް އުފެއްދުމުގެ ގާބިލްކަން ލިބިގެންވާ ގައުމަކަށްވާއިރު ރަޝިޔާއިން ގަތް މިސަބްމެރިންގައި އިންޑިޔާގެ ނިއުކްލިޔާ މިސައިލާއި ރޮކެޓް ހަރުކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބައިނަލްއަގުވާމީ ބާރަކަށް ވަމުން އަންނަ އިންޑިޔާއިން ގަތް މިސަބްމެރިންއާ އެކު ރަޝިޔާގެ އިތުރު ނިއުކްލިޔާ ސަބްމެރިން އެއް 10 އަހަރު ދުވަހުގެ މުއްދަތަށް އިންޑިޔާއިން ވަނީ ކުށްޔަށް ވެސް ހިފާފަ އެވެ. އެސަބްމެރިން ގަތުމަށާއި އަނެއް ސަބްމެރިން ކުށްޔަށް ހިފުމަށްޓަކައި ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ކޮންޓްރަކްޓްގެ އަގަކީ 650 މިލިޔަން އެމެރިކާ ޑޮލަރު ކަމަށާއި މީގެތެރެއިން ބޮޑުބައި އިންޑިޔާ މިހާރު އަދާކޮށްފައިވާ ކަމަށް ހަބަރު ލިބެ އެވެ.

އިންޑިޔާގެ ކަނޑުގެ ސިފައިން 10 އަހަރަށް ކުއްޔަށް ހިފި ރަޝިޔާގެ ސަބްމެރިންއަކީ "އަކޫލާ 2 " މަރުކާގެ ސަބްމެރިންއެކެވެ. މިއީ ރަޝިޔާގައި އުފައްދާ އެންމެ ފަހުގެ އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ މަރުކާގެ ސަބްމެރިންއެކެވެ. (ނޫސްއެޖެންސީތައް)