މެޑްރިޑް (ޑިސެމްބަރު 29): ސްޕެއިންއިން ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންގެ ރެޖިސްޓްރީއެއް ހަދާ، އެ ލިސްޓު ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ހިއްސާ ކުރާނެ ކަަމަށް ބުނެފި އެވެ.

ސްޕެއިންގެ ހެލްތު މިނިސްޓަރު ސަލްވަޑޯ އިލާ ވިދާޅުވި ގޮތުގައި އެގައުމުގައި ކޮވިޑް ވެކްސިން ޖަހަން މަޖުބޫރެއް ނުކުރާނެ އެވެ. ނަމަވެސް ވެކްސިން ޖަހަން ފުރުސަތު ދިނުމުން އެކަމަށް ދެކޮޅު ހަދާ މީހުންގެ ނަން ނޯޓު ކުރާނެ އެވެ. އަދި އެ ނަންތައް އާއްމު ނުކުރި ނަމަވެސް އީޔޫގެ އެހެން ގައުމުތަކާ އެ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

"ވެކްސިން ޖަހަން ފުރުސަތު ދިނުމުން އެކަމަށް ދެކޮޅު ހަދާ މީހުންގެ ރެޖިސްޓްރީއެއް ހަދާ، ޔޫރަޕްގެ ގައުމުތަކާ ހިއްސާ ކުރާނެ. އެއީ އާއްމު ކުރާނެ ލިޔުމެއް ނޫން އަދި [ލިސްޓު ހަދާނީ] މައުލޫމާތު ރައްކާ ކުރުމަށް އިސްކަން ދީގެން،" އިލާ ވިދާޅުވި އެވެ.

ސްޕެއިން އިން އެފަދައިން ބުނީ މިދިޔަ އާދިއްތަ ދުވަހު އެގައުމުން ފައިޒާ-ބަޔޯއެންޓެކް ކޮވިޑް ވެކްސިން ދޭން ފެށި ފަހުންނެވެ.

ސްޕެއިންގައި ދާދި ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި އެގައުމުން ކޮވިޑް ވެކްސިން ނުޖަހާނެ ކަމަށް މިދިޔަ މަހު 47 ޕަސެންޓު މީހުން ބުނި ނަމަވެސް މިހާރު އެ އަދަދު ވަނީ 28 ޕަސެންޓަށް ދަށްވެފަ އެވެ.

ސްޕެއިންއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 50،000އަށް ވުރެ އިތުރުވެފަ އެވެ. އަދި އެގައުމުން މިހާތަނަށް 1.8 މިލިއަން މީހުންނަށް ބަލި ޖެހިފައިވެ އެވެ.

ސްޕެއިންގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެގައުމުގައި އަންނަ މެއި މަހާ ޖެހެންދެން ރޭގަނޑު 23:00 އާއި 06:00އާ ދޭތެރޭ ކާފިއު ހިންގަން ވަނީ ނިންމާފަ އެވެ.