ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލި މައްސަލަ އަށް ގޮތެއް ނުނިންމަނީސް އޭނާއާ މެދު އެކި ފަރާތްތަކުން ކޯޓްތަކަށް ހުށައަޅާ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ހައިކޯޓްގައި އަބުދުﷲގެ މައްސަލައެއް ކުރިއަށް ނުގެންދިއުން އެދިވަޑައިގެން އޭނާގެ ވަކީލު މައުމޫނު ހަމީދު މިއަދު އެކޯޓަށް ހުށައަޅުއްވައިފި އެވެ.

އަބުދުﷲ ގާޒީގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ހައިކޯޓްގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފަށް އެޑްރެސްކުރައްވައި މައުމޫނު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އަބުދުﷲ ގާޒީ ނިޒާމުން ގެއްލުވާލި "ހޭބިއަސް ކޯޕަސް" މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައި ވަނިކޮށް، އެ މައްސަލަ ނުނިންމައި އޮއްވައި އޭނާ އަށް ރައްދުވާ ގޮތަށް އެއްވެސް ކޯޓެއްގައި އެއްވެސް ދައުވާއެއް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެއީ އަޅުގަނޑުގެ މުވައްކިލަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ނިގުޅައިގަނެ ތިބެމެ އަޅުގަނޑުގެ މުވައްކިލާ ދެކޮޅަށް ގާނޫނުގެ ދަށުން ކަމަށް ބުނެ މައްސަލަތައް ކުރިއަށް ގެންދެވޭނެ އަދުލުއިންސާފުގެ އެއްވެސް ހަމައެއް ނޯންނާނެތީ އެވެ." މައްސަލައެއް ނުބެލުމަށް ހުށައެޅުއްވި ސަބަބުން ބަޔާންކުރައްވަމުން މައުމޫނު ވިދާޅުވެފައިވެ އެވެ.