29 Dec 2020, 14:14
އާންމުންގެ ހާޒިރުގައި މިއަދު 203 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ދޫނިދޫގައި މިއަދު ނައްތާލާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެއްޗެވެ.
މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުން ވަނީ ބައިވެރިކޮށްފަ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވީ މިއަދު މަސްތުވާތަކެތި ނައްތާލީ، އާންމުންގެ ކުރިމަތީގައި އެތަކެތި ޓެސްޓު ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެއީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެތި ނައްތާލުމުގައި ޓްރާންސްޕޭރެންސީ އިތުރުކުރަން ކުރި ކަމެއް ކަމަށް ސީޕީ ވިދާޅުވި އެވެ.
މިއަދު ނައްތާލާފައި ވަނީ ސެޕްޓެމްބަރު އަށް ވަނަ ދުވަހު ޑާކާ މަގުން ރާއްޖެ އައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނުނު ތިން ކިލޯ 800 ގްރާމް މަސްތުވާތަކެއްޗާއި އޮކްޓޯބަރު ފުރަތަމަ ދުވަހު ސ.ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާހީމް (އަބުޗާ) އާއި އިތުރު ބަޔަކު ބައިވެރިގެން ރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެއްޗާއި އޮކްޓޯބަރު 12 ވަނަ ދުވަހު ގއ. ވިލިނގިލީ / ލައިޓްހައުސް ޝަހީބް އިބްރާހީމް އިތުރު ބަޔާކާ ބައިވެރިވެގެން ރާއްޖެ އެތެރެކުރި 120 ކިލޯގެ މަސްތުވާތަކެއްޗެވެ.