ވޮޝިންޓަން (ޑިސެމްބަރު 29) : ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތާބެހޭ ކަންކަންވަނީ ވިއްސިވިހާލިކޮށް އަމާޒުން ކައްސުވާލާފައި ކަމަށާ އެކަންކަން ޖެހޭނީ އަލުން އިސްލާހު ކުރަންކަމަށް އެގައުމުގެ ރައީސުލް މުންތަޚަބު ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އިރުމަތީގެ ސިޓީއެއްކަމަށްވާ ވިލްމިންޓަންގައި ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތާ ބެހޭ ތަޖްރިބާކާރުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމެރިކާގެ ޚާރިޖީ ސިޔާސަތު އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތް ފައްޓަވާނެކަމުގަ އެވެ. ޓްރަމްޕްގެ ވެރިކަމުގައި ގެންގުޅުނު އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ސިޔާސަތުތަށް އަލުން އިސްލާހު ކުރަންޖެހޭކަން ހާމަކުރައްވަމުން ގައުމީ ސަލާމަތާގުޅޭ ކަންކަން އިސްލާހު ކުރުމަށް ވެސް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ބައިޑެން ވިދާޅުވި އެވެ.

ބައިޑެން ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ ދުނިޔެއާ އެކަހެރިވެފަ އެވެ. އަދި ބައިވެރިންނާ ގުޅުންތައް ކެނޑި ވިޔަފާރީގެ ގޮތުން އެއްފަރާތްވެފަ އެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އެޖެންސީތައް މަގުން ކައްސާލުމުގެ އިތުރުން އެތަންތަނުގެ އޮނިގަނޑުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެކަންކަންޖެހޭނީ އިސްލާހު ކުރަންކަމަށް ބައިޑެން ވިދާޅުވި އެވެ.

ޓްރަމްޕް

މީގެއިތުރުން ބައިޑެން ވަނީ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތާބެހޭ ކަންކަމާ ބެހޭ ފުރިހަމަ މައުލޫމާތު ޓްރަމްޕްގެ ސަރުކާރުން ރައީސުލް މުންތަޚާބުގެ އިންތިގާލީ ޓީމަށް ފުރިހަމައަށް ނުދޭކަމުގެ ޝަކުވާ ވެސް ކުރައްވާފަ އެވެ. ނަމަވެސް އެމެރިކާގެ ދިފާއީ ވަޒީރުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ކްރިސްޓޮފާ މިލާ ވަނީ މިކަން ދޮގު ކުރައްވާފަ އެވެ. އަދި ބައިޑެންގެ އިންތިގާލީ ޓީމަށް ޕެންޓަގަންއިން އެއްބާރުލުން ނުދޭކަމަށް ބައިޑެން ކުރެއްވި ތުހުމަތު ތަކަށް ޕެންޓަގަންގެ ތަރްޖަމާންވެެސް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅު އޭނާވަނީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އިދާރާގެ ތަޖްރިބާކާރުންނަކީ ކުޑަކުދިންގެ ވިސްނުން ގެންގުޅޭ ބައެއްކަމަށް ސިފަކުރައްވައި އެމީހުންނަށް އެތައް ފަހަރަކު ޖޯކު ޖައްސަވާފަ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ "ޕެންޓަގަން'ގައި އޮންނަ ތަޖްރިބާކާރުންނާއި މުފައްކިރުންގެ ކޮމިޓީއެއް ކަމަށްވާ 'ދަ ޓޭންކް'ގެ މެންބަރުންނާ އެއްފަހަރަކު ވާހަކަ ދައްކަވަމުން ޓްރަމްޕްވަނީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އިދާރާގެ ތަޖްރިބާކާރުން އެކުލަވާލައްވާފައިވާ "ގްރޭންޑް ސްޓްރެޓެޖީ" ފެއިލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ގްރޭންޑް ސްޓްރެޓެޖީ" ފެއިލްވީ ޗައިނާ އެމެރިކާއަށް ގޮންޖަހާލާވަރުގެ ބޮޑުބާރެއްގެ ގޮތުގައި ދުނިޔޭގެ މަސްރަހުން ޗައިނާ ފާޅުވެދާނެކަމުގެ ކުޑަވެސް އަންދާޒާއެއް ކުރައްވަން ގައުމީ ސަލާމަތާބެހޭ އެމެރިކާގެ ކަމާބެހޭ ތަޖްރިބާކާރުންނަށް ނޭންގުމުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިއާ އެކު ޓްރަމްޕްވަނީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އެޖެންސީތަކުގެ ތިންކްޓޭންކުންނަކީ ކުޑަކުދިންގެ ވިސްނުން ގެންގުޅޭ ގެލެރި ބައެއްކަމަށް ސިފަކުރައްވައި އެމީހުންނަށް ޖޯކު ޖައްސަވާފަ އެވެ. މިއީ އެމެރިކާގެ އެއްވެސް ރައީސަކު އެމީހުންނަށް ކުރައްވާފައި ނުވާވަރުގެ ބޮޑު އިހާނާތެކެވެ.

އެމެރިކާއަށް ގޮންޖަހާލާވަރުގެ ބޮޑުބާރެއްގެ ގޮތުގައި 2010 އިން ފެށިގެން ޗައިނާ ދުނިޔޭގެ މަސްރަހަށް ފާޅުވެފައިވާއިރު 2025 ވަނަ އަހަރު އެމެރިކާ ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުގެ މަގާމު ވެސް ޗައިނާ ހޯދާނެކަމުގެ އިންޒާރު އެމެރިކާގެ ތިންކް ޓޭންކުން މިހާރުވަނީ ދެއްވާފަ އެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ގޮތުން ވެސް ޗައިނާދަނީ އެމެރިކާއާ ފައިހަމަކުރުމަށްޓަކައި ބާރު ދުވެއްޔެއްގައި ކުރިޔަށްކަމާއި އެތަށް ދާއިރާއެއްގައި ކައިރި މުސްތަގްބަލެއްގައި އެމެރިކާއަށްވުރެ ކުރިޔަށް ޗައިނާ ޖެހޭނެ ކަމަށް އެމެރިކާގެ ތިންކް ޓޭންކުން މިހާރު ގަބޫލުކުރައްވަ އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)