26 Jan 2012, 15:49
އެންމެ ބޮޑު އިސްކަމެއް ދެއްވާކަމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިއާ އިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކަށް ފުށުއަރާ ގޮތަށް ވިދާޅުވި ބަސްފުޅެއް ކަމަށާއި އަދި އެއީ ގާނޫނާއި ގަވާއިދާއި ހިލާފަށް މީހުން ހައްޔަރުކޮށް ބަންދުކޮށް، ޝުއޫރު ފާޅުކޮށް މުޒާހަރާކުރާ ފަރާތްތަކަށް އަނިޔާކުރަމުންދާ ދަނޑިވަޅެއްގައި ރައްޔިތުންނަށް މަލާމާތްކުރުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ގައުމީ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރަސީގެ އެންމެ މުހިއްމު އަސާސް ކަމަށްވާ މިނިވަން ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިސް ގާޒީ ހައްޔަރުކުރުމާއި ގާނޫނާ ހިލާފަށް ތަކުރާރުކޮށް، ގައުމީ ޕާޓީގެ ނާއިބު ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ހައްޔަރުކުރުމާއި ސިޔާސީ ފަރާތްތަކަށް ދުލާއި ގަލަމުން ބިރުދެއްކުމަށް މަސައްކަތް ކުރާ ކުރުމާއި ރައްޔިތުންގެ މީޑިއާތައް ސަރުކާރުން ހިސާރުކޮށްފައިވާ ދަނޑިވަޅެއްގައި ރައީސް ނަޝީދަކަށް ޑިމޮކްރަސީގެ ވާހަކަ ދެއްކުމުގެ ހުއްޖަތެއް ނޯންނާނެ ކަމަށެވެ.
ރައީސް ރޭ ވިދާޅުވެފައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މިނިވަން އަދި އަދުލުވެރި ޝަރުއީ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް ހަރުދަނާކުރުން ކަމަށާއި އެކަންތައް ހާސިލް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.