26 Jan 2012, 15:01
ގައުމީ ޕާޓީ އިން ނެރެފައިވާ "ދިވެހިންގެ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލުމުގައި ރައީސް ނަޝީދުގެ ހީލަތްތެރި ރޭވުން" ފޮތާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ފުލުހަށް ހާޒިރު ކުރުމުން، އެ ފޮތުގެ މައުލޫމާތު ހޯދުމަށް ގައުމީ ޕާޓީ އަށް ލިޔުމަކުން ހުށަހެޅުމަށް އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ލާދީނީ ކަންތަތަކެއް ކުރަމުންދާކަމަށް ތުހުމަތުކޮށް ނެރުފައިވާ ފޮތާ ގުޅިގެން ޑރ. ހަސަން މިއަދު މެންދުރު ފަހު 1:30ގައި ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ހާޒިރު ކުރުމުން އޭނާ ވަނީ އެއީ ގައުމީ ޕާޓީން ނެރުނު ފޮތެއް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިން ކައިރީގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ހަސަން ވިދާޅުވީ އެ ފޮތް ލިޔުއްވުމުގައި އަމަލީ ގޮތުން އުޅުއްވި ބޭފުޅުންނާއި ފޮތް ލިޔުމަށް ފަންޑް ކުރި ފަރާތްތަކުގެ މައުލޫމާތުތައް ގައުމީ ޕާޓީގައި ލިޔުމަކުން އެދުމުން އެ މައުލޫމާތުތައް ޕާޓީން ދެއްވާނެ ކަމަށެވެ.
ގައުމީ ޕާޓީއަކީ "ވަކި ފަރުދަކަށް (ޕާޓީގެ ރައީސްއަށް) ވުރެ ބޮޑަށް، ޕާޓީގެ އަސާސީ ގަވާއިދެއް އޮވެގެން، ކައުންސިލެއް އޮވެގެން ހިންގާ ޕާޓީއެއް" ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފޮތުގެ މައްސަލާގައި ދެ ފަރާތްތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނި ކަމަށެވެ. އެއީ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އާއި އަމިއްލަ ފަރާތަކުން ކަމަށެވެ. ނަމަވެސް އަމިއްލަ ގޮތުން އެ މައްސަލަ ހުށަހެޅުއްވި ބޭފުޅެއްގެ ނަމެއް ޑރ. ހަސަން ވިދާޅެއް ނުވެ އެވެ.
ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހަށް ނަސީމް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ގައުމީ ޕާޓީ އިން ނެރުނު ފޮތުގައި "ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް" ކަމަށް ލިޔެ ޝާއިއުކޮށްފައިވާ ކަމަށާއި އެ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޭނާއާ މެދު ނަފުރަތު އުފެދިފައިވާ ކަމަށެވެ.
ޑރ. ހަސަން މިއަދު މެންދުރު ފުލުހަށް ހާޒިރު ކުރި އިރު، ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވެސް މިއަދު ހެނދުނު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.