28 Dec 2020, 18:25
ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުންގެ ބަސް ހޯދައި، ގުޅުން ބަދަހިކޮށް ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާއި އެކީ މަސައްކަތްކުރުމަށްޓަކައި ގާނޫނުން ލާޒިމްކުރާ އުސޫލުތަކެއްގެ މައްޗަށް ފުލުހުންގެ މަސައްކަތްތައް މާލަސްތަކެއްނުވެ ބައްޓަންވެގެން ދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އަޕާ ސައުތު ޕޮލިސް ޑިވިޒަންގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން ހިންގުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވަކަމަށެވެ.
އެގޮތުން އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ފުލުހުން ދެމުންދާ ހިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން މާލެއިން ކަނޑައެޅުމުގެ ފަލްސަފާއަށް ނިމުމެއް ގެނައުމުގެ މަގު މިގާނޫނުން ފަހިވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު ފުލުހުން ޒިންމާދާރު ކުރުވައި އަދި ޖަވާބުދާރީ ކުރުވުމަށް ފުލުހުންގެ ހިދުމަތުގެ ވޭތުވެދިޔަ 87 ވަރަކަށް އަހަރުގެ ދިގު ތާރީހުގައި މީގެކުރިން ލިބިފައިނުވާ މިންވަރަށް އާ ގާނޫނުން ޖާގަހޯދައިދީފައިވާކަން ހަމީދު ފާހަގަކުރެއްވިއެވެ.
އެގޮތުން ރައްޔިތުންގެ ބައިވެރިވުމާއެކު އުފެދިގެންދާ ޕޮލިސް ބޯޑަކީ ފުލުހުންގެ މަސައްކަތަށް ފާރަވެރިވެ ފުލުހުން ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމަށް މިހާރަށްވުރެ ފުޅާ ފުރުސަތުތަކެއް ހޯދައިދޭނެ ބޯޑެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ކުރިއަރާފައިވާ ތަހުޒީބު ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް ކަންކުރަމުން އަންނަ ގޮތްކަންވެސް ހަމީދު ފާހަގަކުރައްވިއެވެ.