ބެއިޖިން (ޑިސެމްބަރު 28): ހޮންކޮންގްއިން ޓައިވާނަށް ބޯޓެއްގައި ގަވާއިދާ ހިލާފަށް ދާން މަސައްކަތް ކުރި 12 މީހެއްގެ ތެރެއިން 10 މީހެއްގެ ޝަރީއަތް ޗައިނާގައި މިއަދު ފަށައިފި އެވެ.

ޗައިނާއިން މިދިޔަ އޮގަސްޓު މަހުގެ 23ގައި ހައްޔަރު ކުރި އެ 12 މީހުންނަކީ ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސް ކުރުން މަނާ ކުރާ ގާނޫނުގެ ދަށުން ހައްޔަރު ކޮށްފައިވާ މީހުން ކަމަށް އެގައުމުގެ ޝެންޖެންގެ ޕަބްލިކް ސެކިއުރިޓީ ބިއުރޯއިން ވަނީ ބުނެފަ އެވެ. އަދި ހޮންކޮންގްގެ ސަރުކާރުން ވަނީ އެ މީހުންގެ ޝަރީއަތް ފުރަތަމަ ޗައިނާގައި ކުރިއަށްގެންދަން ޖެހޭ ކަމަށް ބުނެފަ އެވެ.

އެ 12 މީހުން ޓައިވާނަށް ދާން މަސައްކަތް ކުރީ މިދިޔަ އަހަރު ހޮންކޮންގްގައި ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކާ ގުޅިގެން އެ މީހުންގެ މައްޗަށް ދައުވާ ކުރަން އުޅެނިކޮށެވެ. އޭގެ ތެރޭގައި ހަމަނުޖެހުން ހިންގުމާއި އަމަނާ ބެހޭ ގާނޫނާ ހިލާފުވުމުގެ ދައުވާ ހިމެނެ އެވެ.

އެ މައްސަލައަކީ ޗައިނާއިން ހޮންކޮންގްގެ ރައްޔިތުންތަކެއް ހައްޔަރު ކުރި މައްސަލައެއް ކަމުން އެ ޝަރީއަތަށް ބޭރު ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

އެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ "ސިއްރުން ބޯޑަރު ހުރަސް ކުރަން ބަޔަކަށް އިންތިޒާމުތައް ހަމަޖައްސައި ދިނުމުގެ" ދައުވާ ކޮށްފަ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެ ދެ މީހުން ގިނަ ވެގެން ހަތް އަހަރަށް ޖަލަށް ލެވޭނެ އެވެ. އަދި ބާކީ 10 މީހުންގެ މައްޗަށް ވަނީ "ސިއްރުން ބޯޑަރު ހުރަސް ކުރުމުގެ" ދައުވާ ކޮށްފަ އެވެ. އޭގެ ތެރޭގައި 18 އަހަރު ނުވާ ދެ ކުޑަކުދިން ހިމެނެ އެވެ. އަދި ޗައިނާގެ އޮފިޝަލުން ވަނީ އެ ދެ ކުދިންގެ ޝަރީއަތް ކުރިއަށްގެންދާނީ ވަކިން، ސިއްރިއްޔާތުގައި ކަމަށް ވިދާޅުވެފަ އެވެ.

އެ 12 މީހުންގެ އާއިލާގެ މެމްބަރުން ވަނީ އެ ޝަރީއަތް މިއަދު ފަށާކަން އެންގީ މިދިޔަ ހުކުރު ދުވަހު ކަމަށާއި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި އެ މީހުންނަށް ޝަރީއަތަށް ނުވަދެވޭ ކަމަށް ބުނެފަ އެވެ. އަދި އެ ޝަރީއަތް ލައިވްކޮށް ދެއްކުމަށް ގޮވާލާފަ އެވެ.

އެ ޝަރީއަތް ފެށުމުގެ ކުރިން އެމްނެސްޓީ އިންޓަނޭޝަނަލްއިން ނެރުނު ބަޔާނެއްގައި ވަނީ އެ 12 މީހުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެ މީހުންނަށް އަމިއްލައަށް ވަކީލުން ހިޔާރު ކުރުމުގެ ފުރުސަތު ނުދޭ ކަމަށާއި އެ ޝަރީއަތް އިންސާފުވެރި ގޮތަކަށް ކުރިއަށް ދިޔުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފަ އެވެ.

ހޮންކޮންގްގެ ކޯޓުތަކަކީ މިނިވަން، ކޮމަން ލޯ ނިޒާމަށް ހިންގާ ކޯޓުތައް ނަމަވެސް ޗައިނާގެ ކޯޓުުތަކަކީ ކޮމިއުނިސްޓު ޕާޓީން ދެކޭ ގޮތަކަށް ތާއިދު ކުރާ ކޯޓުތަކެވެ. އަދި އެ ކޯޓުތަކުގައި ދައުވާ ސާބިތުވާ މިންވަރު 100 ޕަސެންޓާ ގާތް ކުރެ އެވެ.

ޗައިނާއިން މިދިޔަ ޖުލައި މަހު ފާސް ކުރި ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގައި ވަނީ ހޮންކޮންގްއިން ޗައިނާގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރުމާއި ޓެރަރިޒަމްގެ އަމަލުތަކާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ސިއްރިއްޔާތުގައި މަސައްކަތް ކުރުން މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އުމުރަށް ޖަލަށް ލެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ.

ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން ވަނީ އާ ގާނޫނުގެ ސަބަބުން އެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިނގިރޭސިވިލާތުން ވަނީ އެ ގާނޫނު ފާސްކޮށްފައި ވަނީ އެގައުމުން 1997ގައި ހޮންކޮންގް، ޗައިނާއާ ހަވާލު ކުރި އިރު ދެ ގައުމުގެ މެދުގައި ހެދި އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެފަ އެވެ. އެ އެއްބަސްވުމުގައި "އެއް ގައުމެއް، ދެ ނިޒާމެއް'ގެ އުސޫލުގެ ދަށުން 2047އާ ޖެހެންދެން ޗައިނާއިން ހޮންކޮންގްއަށް އިތުރު މިނިވަންކަން ދޭން ޖެހޭނެކަމަށް ބުނެފައިވެ އެވެ.