ޓްރިޕޮލީ (ޑިސެމްބަރު 28) : ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރާއެކު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރާނެ ކަމުގެ ޔަގީންކަން މިސްރުން ދީފިކަމަށް ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ބުނެފިއެވެ.

ލީބިޔާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން މި ޔަގީންކަން ދިނީ ލިބިޔާގެ ވެރިރަށް ޓްރިޕޮލީ އަށް މިހާރު ވަޑައިގެން އުޅުއްވާ މިސްރުގެ މަތީފެންވަރުގެ ވަފްދުންނެވެ. މި ވަފްދުގައި ހިމެނެނީ މިސްރުގެ ޖާސޫސީ އިދާރާއާއި ޚާރިޖީ ވުޒާރާގެ އިސް ބައެއް މަސްއޫލުވެރިންނެވެ. މިއީ 2014 ވަނައަހަރަށްފަހު މިސްރުގެ ރަސްމީ ވަފްދެއް ޓްރިޕޮލީއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

ޓްރިޕޮލީއަކީ ލީބިޔާގައި ވެރިރަށްކަމަށްވުމުގެ އިތުރުން އެއީ ލީބިޔާގައި އުފެދިފައިވާ ދެސަރުކާރުގެ ތެރެއިން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މައި މަރުކަޒެވެ. ދުނިޔޭގެ ގައުމުތަކުންނާ އަދި އދ. ން ލީބިޔާގެ ޝަރުޢީ ސަރުކާރުގެ ގޮތުގައި ބަލައިގަންނަނީ ޓްރިޕޮލީގައި ގާއިމްކޮށްފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށެވެ. 2013 ގައި ލީބިޔާގައި ދާޚިލީ ކޯޅުންތައް ބޮޑުވެ ދެސަރުކާރު އުފެދިގެންދިޔުމާއެކު މިސްރުންވަނީ ޓްރިޕޮލީގައި އޮތް ސަރުކާރާ ގުޅުންތައް ކަނޑާލައި ލީބިޔާގެ އިރުމަތީގެ ސިޓީއެއްކަމަށްވާ ތުބްރުގް ގައި މަރުކަޒު އޮންނަ ސަރުކާރާ ގުޅުންތައް ގާއިމްކޮށްފައެވެ.

ޖެނެރަލް ޚަލީފާ ހަފްތަރު މިސްރުގެ ރައީސް ސީސީ އާއި ޔޫއޭއީ ގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު އާއެކު

ލީބިޔާގެ ވެރިކަން އަސްކަރީ ބާރުބޭނުންކޮށްގެން ހޯދަން މަސައްކަތް ކުރައްވާ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރު ނިސްބަތްވަނީ ތުބްރުގް ގައި މަރުކަޒު ހުންނަ ސަރުކާރަށެވެ. ޖެނެރަލް ހަފްތަރު ލީބިޔާގެ ވެރިކަން ހޯދުމަށް މަސައްކަތް ކުރަމުން ގެންދިޔައީ މިސްރާއީ ޔޫއޭއީ ގެ އަސްކަރީ އަދި މަދަނީ އެހީތެރިކަމުގައެވެ. ލީބިޔާގައި ދާޚިލީ ހަނގުރާމައިގެ ހުޅު ރޯވެގެން ދިޔައީ ލީބިޔާގެ ދާޚިލީ މި ކޯޅުންތަކުގެ ތެރެއަށް މިސްރާއީ ޔޫއޭއީ ވަނުމުގެ ސަބަބުންނެވެ.

މިސްރާއީ ޔޫއޭއީ ގެ އަސްކަރީ މި އެހީތެރިކަމުގައި ހަފްތަރުގެ ބާރުތަކުން ވެރިރަށް ޓްރިޕޮލީ ހިފަން މަސައްކަތްކުރީ މިއަހަރުގެ ޖަނަވަރީމަހުގައެވެ. ނަމަވެސް ޓްރިޕޮލިގައި މަރުކަޒު ހުންނަ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ތުރުކީގެ އަސްކަރީ އެހީހޯދައި އެއެހީގައި ހަފްތަރުގެ ބާރުތައް ވަރަށް ބޮޑަށް ފަހަތަށް ޖެއްސުމާއެކު ލީބިޔާގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވާން ފެށިއެވެ.

މިއާއެކު އދ. އާއި އެނޫންވެސް ބައެއް ގައުމުތައް މެދުވެރިއެއްގެ ބައި އަދާކޮށްގެން ތުބްރުގް ގައި އޮންނަ ސަރުކާރާއި ޓްރިޕޮލީގައި އޮންނަ ސަރުކާރުގެ އިސް މަސްއޫލުވެރިން މަޝްވަރާގެ މޭޒުދޮށަށް ގެންގޮސް އެތަށް ބުރެއްގެ މަތިން ދެއްކި ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ލީބިޔާގެ މައްސަލަ މިހާރުވަނީ ހައްލުވާނެކަމުގެ އުންމީދު އާލާވެފައެވެ. ލީބިޔާގައި އިންތިޚާބީ އެއް ސަރުކާރު ގާއިމް ކުރުމަށްޓަކައި އާންމު އިންތިޚާބެއް ބޭއްވުމަށް މިދެފަރާތުން މިހާރުވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

މިބަދަލުތަކާއެކު ޖެނެރަލް ހަފްތަރު އެކަހެރިވެފައިވާއިރު މިސްރުވެސް މިހާރުވަނީ އޭނާއާ ދުރަށްޖެހި ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރާ ގާތްވާން ފަށާފައެވެ. ނަމަވެސް ޔޫއޭއީން އަދިވެސް ހަފްތަރަށް އަސްކަރީގޮތުންނާއި މާލީގޮތުންނާ އަދި ސިޔާސީ ގޮތުންވެސް އެހީތެރިވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ހަފްތަރަށް ކުރިން ތާއީދުކުރި ލީބިޔާގެ ގަބީލާތަށް މިހާރު އޭނާއާ ދުރަށްޖެހިފައިވާތީ އާއި ހަފްތަރު ނިސްބަތްވާ ތުބްރުގްގެ ސަރުކާރުވެސް އޭނާއާ ދުރަށް ޖެހިފައިވާތީ ހަފްތަރަށް ލީބިޔާގެ ސިޔާސީ މަސްރަހުގައި މިހާރު ޖާގަނެތްކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ލީބިޔާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން މިހާރު ޓްރިޕޮލީއަށް ވަޑައިގެން އުޅުއްވާ މިސްރުގެ ވަފްދުންވަނީ ލީބިޔާގައި މިހާރުއޮތް ބައިބައިވުންތައް އެއްފަރާތްކޮށް އިންތިޚާބީ އެއްސަރުކާރު އުފެއްދުމަށް ކުރާ މަސައްކަތަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި ލީބިޔާގައި މިސްރުން ހިންގާ ހުރިހާ ހަރަކާތްތަކެއް ދެން ހިންގާނީ ޓްރިޕޮލީގައި ހުޅުވުމަށް ހަމަޖެހިފައިވާ މިސްރުގެ އެންބަސީ މެދުވެރިކޮށް ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރާ ވިލަރެސްކޮށްގެން ކަންވެސް މިސްރުގެ ވަފްދުން ކަށަވަރުކޮށްދީފައިވާކަން ލީބިޔާގެ ޚާރިޖީ ވުޒާރާ ބުނެއެވެ.

މިއަންޑަސްޓޭންޑިން އާ ގުޅިގެން މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ މިއަދުވަނީ ޓްރިޕޮލީގައި އޮންނަ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ޚާރިޖީ ވަޒީރަށް ފޯނުން ގުޅުއްވައި މަޝްވަރާތަކެއްވެސް ކުރައްވާފައެވެ.

(އަލްޖަޒީރާ + ނޫސްއެޖެންސީތައް)