28 Dec 2020, 16:47
ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުން ނުނިމިހުރި ބައި ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީއިން ފަށައިފި އެވެ.
ނައިފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ނައިފަރު ކައުންސިލްގެ ރައީސް ވިދާދު އަބްދުﷲ އެވެ.

ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތް ފެށުން-- ފޮޓޯ/އެމްޑަބްލިއުއެސްސީ
އެ މަޝްރޫއުއަކީ ކުރިން އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން ފެން ކުންފުންޏާ ހަވާލުކުރީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
މި މަޝްރޫއުގައި ދަށުން ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގައި ހިމެނެނީ:
ފެން ހޮޅީގެ މައި ނެޓްވޯކުގެ ނުނިމި އޮތް ތިން ކިލޯމީޓަރުގެ ނެޓްވޯކް ގާއިމުކުރުން
- 360 މީޓަރުގެ ޕަމްޕިން ލައިން އެޅުން
- އާރުއޯ ޕްލާންޓުގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތް
- އާރުއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމި ހުރި މަސައްކަތް
- ފެން ރައްކާ ކުރަން ބަހައްޓާ ތާނގީތަކުގެ ނުނިމި ހުރި މަސައްކަތް
- ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް
މީގެ އިތުރުން ގޭގޭގައި ފެން މީޓަރު ބެހެއްޓުމާއި ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްވެސް ފެން ކުންފުނިން ކުރާނެ އެވެ.
މި މަޝްރޫއުގައި ދަށުން ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގައި ހިމެނެނީ؛
ނަރުދަމާގެ މައި ނެޓްވޯކުގެ ނުނިމި އޮތް 3.5 ކިލޯމީޓަރުގެ ނެޓްވޯކް ގާއިމުކުރުން
- 360 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި ޕަމްޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތް
- އެއް ސީ އައުޓްފޯލް ގާއިމުކުރުން
- ވޭލް ޗެމްބަރު ބެހެއްޓުން
- އެސްޓީޕީ އިމާރާތުގެ ނުނިމި ހުރި މަސައްކަތް
- އެސްޓީޕީގެ ސިވިލް އަދި އިލެކްޓްރޯ މެކޭނިކަލް މަސައްކަތް
އެ މަސައްކަތްތަކުގެ އިތުރުން ގޭގޭގައި ޖަންކްޝަން ބެހެއްޓުމާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް ކުރާނީ ފެން ކުންފުނިންނެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބަލަހައްޓަން ބޭނުންވާ ޖަނަރޭޓަރު ސެޓާއި އުޅަނދުފަހަރު އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނުވެސް ފެން ކުންފުނިން ފޯރުކޮށްދޭނެ އެވެ.
މި މަޝްރޫއު ފެން ކުންފުންޏާ ހަވާލުކޮށްފައިވަނީ ފަސް މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.